ދިރާސީ އާ އަހަރާއެކު، ސްކޫލުތަކުގައި ކިޔަވައިދޭން ފަށާއިރު، ކިޔަވައިދޭނީ ކޯވިޑް-19 ފެތުރުމުގެ ކުރިން ކަނޑައަޅާފައިވާ ގަޑިތަކާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރ ސޮއިކުރައްވާ މިއަދު ނެރުއްވި ސާކިއުލާއެއްގައި ބުނީ، ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރި ވަގުތު ކަމަށެވެ. ނަމަވެސް، ފުރަތަމަ ދެ ހަފުތާގައި މާލޭގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑި، އެކި ގުރޭޑުތަކަށް ތަފާތުކޮށް، ވިހާ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓްރީން ސްކޫލުތަކަށް ވަނީ އަންގާފައެވެ.
ސްކޫލްތަކުގައި ކިޔަވައިދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އާ އުސޫލެއް ކަނޑައަޅާފައިވާއިރު، މި އުސޫލުގައި ވާގޮތުން ސްކޫލްތަކުަގއި އިތުރު ހަރަކާތްތައް ބޭއްވޭނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޯވިޑް ވެކްސިން ފުރިހަމަ ކުރުމުންނެވެ.
ކޯވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ގޮތުގައި މިނިސްޓރީން ބުނެފައިވަނީ، އޮގަސްޓް މަހު ރާއްޖެ އިން ބޭރުން އެނބުރި އައިސްފައިވާ ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުންނާއި އޮގަސްޓް މަހުން ފެށިގެން މޮނިޓަރިންގައި އޮތް ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން 5 ދުވަހާއި 7 ދުވަހާ ދެމެދު ހަދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާ އޮތްތޯ ސްކޫލްތަކުން ޔަގީން ކުރަން ޖެހެއެވެ.
މީގެ އިތުރުން ދަރިވަރުންނަށް މާސްކާ ނުލައި ތިން ފޫޓު ދުރުމިނުގައި، ތޮއްޖެހިގެން ނުތިބެ ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއް ޓޭބަލުގައި ހިމެނުމަށްވެސް ސްކޫލުތަކަށް ވަނީ އަންގާފައެވެ. އަދި އިންޓަވަލް ގަޑީގައި ދަރިވަރުން ތިން ފޫޓު ދުރުގައި ތިބެގެން ކެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އަންގާފައި ވެއެވެ.
ހައި ރިސް ކެޓަގަރީގައި ހިމެނޭ ކުދިންނަށް މާސްކާ އެކު ފޭޝް ޝީލްޑް ބޭނުންކުރަން ފުރުސަތު ދިނުމަށްވެސް އަލަށް އެކުލަވާލާފައިވާ އުސޫލުގައި ވެއެވެ.
މީގެ އިތުރުން ވެސް ކޯވިޑް ކޮންޓްރޯލް ކުރުމަށް ސްކޫލްތަކުން އަޅަންޖެހޭ އާންމު ފިޔަވަޅުތައް އަޅަން ވަނީ އަންގާފައެވެ. އޭގެތެރޭގައި ކްލާސްތަކުގައި ވައި ދައުރުވާ ގޮތަށް ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވާފައި ބެހެއްޓުމާއި އިޖުތިމާއީ ގައިދުރުކަން ކްލާސްތަކުގައި ބެހެއްޓުމާއި އޭސީ ހަރުކޮށްފައިވާ ކްލާސްތަކުގައި ކުދިންގެ މެދުގައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމެވެ.
އަދި ކުދިން ސްކޫލަށް ވަންނައިރު މާސްކު އެޅުމާއި ހުން ބެލުމާއި އަތްދޮވުމާއި ސެނިޓައިޒްކުރުމާއި ޑިސްއިންފެކްޓްކުރުން ފަދަ ކަންކަން ކުރުމަށްވެސް މިނިސްޓްރީން ވަނީ އަންގައިފައެވެ. ސްކޫލްގެ މުވައްޒަފުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވީ ނަމަވެސް، ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދޭ ވެކްސިންޖެހުމަށް ޝަރުތުހަމަވާ އުނމުރުގެ އެއްވެސް މީހަކަށް ވެކްސިން ފުރިހަމަ ނުކޮށް ސްކޫލްތަކަށް ނުވަދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ބުނެފައެވެ.