މިނިވަންކަން ޙިމާޔަތް ކުރެވޭނީ ދިވެހިރައްޔިތުންގެ އެއްބައިވަންތަކަން ވަރުގަދަކޮށް ދަމަހައްޓައިގެން ކަމުގައި ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައުޔޫމް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާއި ގުޅިގެން، އިއްޔެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިވަންކަން ހިމާޔަތް ކުރުގެ އެންމެ މުހިންމު ދައުރެއް އޮތީ ރައްޔިތުންގެ އަތް މަތީގައިކަަމަށެވެ. މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަކާއި، އެކުވެރިކަމަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރާއްޖޭގައި ސިޔާސީ ގޮތުން އެއްބަޔަކު އަނެއްބަޔަށް ޚިޔާލަތު ތަފާތުވެ، ގިނަ ސިޔާސީ ޕާޓީތަކެއް އުފެދުނު ކަމުގައި ވީނަމަވެސް، ރައްޔިތުން ބައިބައިވެގެން ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ގިނަ ސިޔާސީ ޕާޓީތަކެއް އުފެދުމަކީ ރައްޔިތުން ބައިބައިވާންވީ އެއްވެސް ސަބަބެއް ނޫންކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަން ޙިމާޔަތް ކުރެވޭނީ ދިވެހިރައްޔިތުންގެ އެއްބައިވަންތަކަން ވަރުގަދަކޮށް ދަމަހައްޓައިގެން. ސިޔާސީ ވިސްނުން ތަފާތުވިޔަސް އަދި ގިނަ ސިޔާސީޕާޓީތަކެއް އަޅުގަނޑުމެންގެ ތެރޭގައި ޙަރަކާތްތެރިވަމުން ދިޔަނަމަވެސް ރައްޔިތުން ބައިބައިވެގެން ނުވާނެ.
– މައުމޫން ވިދާޅުޅުވިއެވެ.
މިނިވަން ދުވަހުގެ މުސާބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި ވިދާޅުވީ، މިއަދުގެ ބައިނަލްއަޤުވާމީ މުޖްތަމަޢުން، ވަކިން ޚާއްޞަކޮށް ބައެއް އިސްލާމީ ޤައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޞްލަކީ، ހަރުކަށި ފިކުރީ އޮއިވަރަށް އެ ޤައުމުތަކުގައި ޖާގަ ދެވިފައި އޮތުންކަމަށެވެ. އަދި. އެއިން ކޮންމެ ޤައުމެއްގައިވެސް އެންމެ ފުރަތަމަ އުފެދުނީ، އެއް ބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ ޢަމަލުތައްކަމަށާއި، އޭގެ ފަހުން ފެންނަން ފެށީ، އެކިއެކި ފަރާތްތަކުގެ ނުފޫޒު ފެތުރެން ފެށި މަންޒަރުކަމަށެވެ. މިއަދު އެއިން ކޮންމެ ޤައުމަކީ، މިނިވަންކަމާއި ޞުލްޙަޔާއި ހަމަޖެހުން ގެއްލިފައި އޮތް ޤައުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުޖްތަމަޢު ބައިބައިކުރާ މިފަދަ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އޮތްހާ ހިނދަކު، ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން ހިނގައްޖެނަމަ، ޤައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.