ބަޣާވާތުގެ މަގު ދޫކޮށްލައްވައި ސުލްހަވެރި ސިޔާސީ ހަރަކާތުން ތާއީދު ހޯއްދަވައިގެން ވެރިކަމަށް އަންނަން މަސައްކަތް ކުރެއްވުމަކީ ރަގަޅު ކަމެއް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ވައްޑެ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްކޮށް ހުންނަވައިގެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހައްދަވަން މަސައްކަތް ފައްޓަވައި އަދި ޕާޓީގެ ޓިކެޓުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަންވެސް ޝައުގުވެރިކަން ފާޅުކުރުމާއި ގުޅިގެން ނެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ސީދާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަޤްސަދުގައި އުފައްދަވާ ޕާޓީއެއް ކަމަށާއި، މިހާރު ރާއްޖޭގައި ހުރި ގިނަ ސިޔާސީ ޕާޓީތައްހެން އެންމެ މީހެއްގެ ފަހަތުގައި ވަށާއެނބުރޭ ޕާޓީއަކަށް އެޕާޓީ ނުވާނެ ކަމަށެވެ.
މީގެ އިތުރުން 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގެ ރައީސްކަމުގެ ހުވައި ކުރައްވާނީ އެމްއެންޕީގެ ކެނޑިޑޭޓު ކަމަށްވެސް، އެޕާޓީ ތަޢާރަފްކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
މިކަމާގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ބަޣާވާތުގެ" މަގު ދޫކޮށްލައްވާފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތުން ތާއީދު ހޯދައިގެން ވެރިކަމަށް އަންނަން މަސައްކަތް ކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
"ބަޣާވާތުގެ މަގު ދޫކޮށްލައްވާފައި ސުލްހަވެރި ސިޔާސީ ހަރަކާތުން ތާއީދު ހޯދައިގެން ވެރިކަމަށް އަންނަން މަސައްކަތް ކުރެއްވުމަކީ ރަގަޅު ކަމެއް."
– ވައްޑެ
އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވީ ކަމަށް އެޕާޓިގެ ގިނަބަޔަކު ގަބޫލުކުރަނީ އެމްއެންޕީ އުފެއްދެވުމަށް އިސްކޮށް ހަރަކާތްތެރިވާ މެމްބަރު ނާޒިމްގެ އިތުރުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވި އެވެ. ނަމަވެސް ނަޝީދުވެސް ފަހުން ވިދާޅުވީ އެއީ “ބަޣާވާތެއް”ކަމަށެވެ. އެހެންކަމުން ނަޝީދުގެ ސަޕޯޓަރުން އަބަބދުވެސް ދެކެމުން އައީ ނާޒިމާއި ރިޔާޒަކީ ބާޣީންގެ ގޮތުގައި އެވެ.
ކޮމެންޓު ފޮނުވާ