އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި އިންތިޚާބު ބޭއްވުމަށްޓަކައި، ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތުގައި ރީރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވަނީ 30 ފޯމުކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. މިއީ އިލެކްޝަން ކޮމިޝަނުން އޮންލައިންކޮށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފަސް ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޝަހުލާ އިސްމާއިލް ވިދާޅުވީ މިއީ ކޮމިޝަނުން ކުރިއަށް އޮތް އިންތިޚާބު ތަކުގައިވެސް އޮންލައިންކޮށް، ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރާ ފުރަތަމަ ތަޖުރިބާކަމަށެވެ.
އިލެކްޝަނުން 5 ދާއިރާއެއްގައި އިންތިޚާބު ބޭއްވުމަށް އޮންލައިންކޮށް ރީރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ރީ-ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅާފައިވަނީ 2 ރަށަކުންނެވެ. ރީ-ރަޖިސްޓްރީ ވުމަށް އއ.ފެރިދޫއިން 27 ފޯމް ހުށަހަޅާފައިވާއިރު، ނ.މަގޫދޫ އިން ހުށަހަޅާފައިވަނީ 3 ފޯމެވެ. ރީ-ރަޖިސްޓްރީ ވުމަށް ރަޖިސްޓަރީ ވުމަށް ހުޅުވާލާފައިވަނީ ނޮޅިވަރަން، ކެނދިކުޅުދޫ ކ. ދިއްފުށި އަދި ފެރިދޫ، ރައްޔިތުން އެކަންޏެވެ.
ޝަހުލާ ވިދާޅުވީ ކޮމިޝަންގެ ވިސްނުން ހުރީ ކުރިއަށް އޮތް ބޮޑެތި އިންތިޚާބުތަކުގައިވެސް ރީ-ރަޖިޓްރޭޝަންގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިއިންތިޚާބުގެ ތަޖުރިބާ ވެގެންދާނީ މިކަމަށް ލިބިގެންދާ އިތުރު ކުރިއެރުމަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލުމުން އެމެމްބަރުން ވަނީ އިންތިޚާބަކާއި ނުލައި، އިންތިޚާބު ވެފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލައިގެން އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީގެ 5 މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ 3 މެމްބަރުންނެވެ. ދެން އިންތިޚާބުވި މެމްބަރުންނަކީ އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.
ކޮމެންޓު ފޮނުވާ