ނަޝީދު މަސައްކަތް ކުރައްވަނީ ޚުދުމުހުތާރު ދައުލަތެއްގެ ސިފަ ޖެއްސުމަށް: ޝަރީފް

ނަޝީދު މަސައްކަތް ކުރައްވަނީ ޚުދުމުހުތާރު ދައުލަތެއްގެ ސިފަ ޖެއްސުމަށް: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
26 ޖުލައި 2021 01:10
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުންދަނީ ދިވެހި ދައުލަތުގައި ޚުދުމުހުތާރު ދައުލަތެއްގެ ސިފަ ޖެއްސުމަށް ކަމަށްވިދާޅުވެ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ ރައްދެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފިއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް، ރައީސް ނަޝީދު ޤަރާރެއް ހުށަހަޅުއްވައިގެން ކުރައްވަމުންދާ މަސައްކަތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ޝަރީފް ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަ ހައްލު ކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ގިނަ ބަޔަކު ހައްޔަރު ކުރުމަކީ ޑިމޮކްރަސީއާ ހިލާފު ހުދުމުހުތާރު ދައުލަތެއްގެ ސިފަ ޖެހިގެންދާނެ ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ޓެރަރިޒަމް އާއި އެ ނޫން ވެސް ކުށް ކުރާ ފަރާތްތައް ހައްޔަރު ކުރުމާއި އެ ފަރާތްތަކަށް ދައުވާ ކުރުމަށް މިހާރު ވެސް ރަނގަޅު ގާނޫނުތަކެއް ހަދާފައި ހުރި ކަމަށެވެ. ޑިމޮކްރެޓިކް ދައުލަތަކުން އަމަލު ކުރަން ޖެހޭނީ ހުރިހާ އެންމެންގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކީ ގާނޫނުތައް ތަންފީޒު ކޮށްގެން ކަމަށާއި ކޯޓުގައި ސާބިތު ކުރެވޭނެ ހެއްކެއް އަދި އެއްވެސް އިޖުރާއަތްތަކަށް ބެލުމެއް ނެތި މީހުން ހައްޔަރު ކުރެވިގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހުދުމުހުތާރު ފިޔަވަޅުތަކަށް ތާއީދު ކުރާނީ އެއްވެސް ބާރެއް އަދި ތާއީދެއް ވެސް ނެތް ބަޔަކު ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި މަޖިލީހުގެ ސުޕަ މެޖޯރިޓީން އެފަދަ އުކުޅުތަކެއް ބޭނުން ކުރާކަށް ނުޖެހޭނެ ކަަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ޓެގް ކުރައްވައި އޭނާ ވިދާޅުވީ ގާނޫނުއަސާސީއަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

ޤަރާރު ޤައުމީ މަޖިލީހަށް ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީގެ ތެރެއިން ކުއްލި ހާލަތަކީ، ޤައުމަށް ކުރިމަތިވާ ނުރައްކާތެރި ހާލަތްތަކުގައި އިއުލާންކުރަން އޮންނަ އެއްޗަކަށްވާއިރު، މިހާލަތަކީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާންވީ ވަގުތު ކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީގައާއި، އަދި ހައްދު ފަހަނައަޅާ ދިޔަ ޤައުމުތަކުގައިވެސް ކަންކަން ބޮއްސުން ލައިގެން ގޮސްފައިވަނީ މިގޮތަށް ފެށޭ ކަންކަން ހުއްޓުމަށް އެކަށީގެންވާ މަސައްކަތް ނުކުރުންކަމަށެވެ. ނަމަވެސް މިއަދު ދިވެހި ރާއްޖެ އޮތް ހާލަތު ދިވެހި ފުލުހުންނަށް ސާފުވެ، ހަރުކަށި މީހުންނަކީ ކޮބައިކަން އެނގޭއިރު، އެމީހުން ހިފާ ހައްޔަރު ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި، ހަރުކަށި ފިކުރާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތް ނުކުރެވިއްޖެނަމަ، ހީވެސް ނުކުރާ ހާލަތަކަށް ރާއްޖެ ގޮސްދާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މުސްތަގުބަލަށް މިކަމުން ނޭދޭވޭ ބޮޑެތި އަސަރުތައް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
ކެނެރީގޭސޮރު ބޭނުންވަނީ ރަށްޔިތުން ތަކެއް ޖަލަށްލާން މިހާރުވެސް ފުލުހުންބެނުންވާ ކޮންމެމީހެއް ހައްޔަރު ކުރެވޭނެ ކުއްލިހާލަތުނުގެނެސް ގާނޫނުތަށް އެބަހުރި ކެނެރީގޭސޮރަކީ އުތުރުކޮރެއާގެ ޚުދުމުހުތާރުގެ ގނޫނު ހަދަންއުޅޭމީހެއް ވަރަށްސާފް އިނގޭތޯ