ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭފަދަ ހާލަތެއް އޮތްކަމަށް ނުދެކޭ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ޤައުމީ މަޖިލީހަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުށަހެޅުއްވި ޤަރާރު ރޭ ވަނީ 39 މެމްބަރުންގެ ވޯޓުން ފާސްކޮށްފައެވެ. ނަޝީދު ވިދާޅުވެފައިވަނީ މިއީ އެއްވެސް ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން ލިބިދޭ ބާރަށް އަރައި ގަތުމަށް ކުރެއްވި ކަމެއްނޫންކަމަށެވެ.
ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމަށް ނަޝީދު ކުރައްވާ މަސައްކަތާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ މިހާލަތަކީ ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ. މިވަގުތުގައި، ޤައުމުގެ ހާލަތު އަނެއްކާވެސް އިިތުރަށް ގޯސްވެގެންދާނޭ ގޮތަކަށް ޖާގަދެވިގެން ނުވާނެކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭފަދަ ހާލަތެއް އޮތްކަމަށް ނުދެކެން. މިވަގުތަކީ ޤާނޫނު އަސާސީ ނަގަހައްޓައި، ޤާނޫނުތައް ހިންގައި ޤައުމީ މަސްލަހަތު އިސްކޮށް ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ދެކެން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ..ޝަހީމް ވިދާޅުވީ ހަރުކަށި، ފިކުރާއި ޓެރެރިސްޓުންނާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޤާނޫނުތަކުން މިހާރުވެސް ގިނަ ބާރުތަކެއް ދީފައިވާކަމަށެވެ. އެކަންކަން ކުރުމަށް ޤާނޫނީ ޒިންމާ އަދާކުރައްވާ ފަރާތްތަކަށް އެއްވެސް ހުރަހެއްނެތި ޤާނޫނީ ބާރުވެރިކަން ލިބިދީފައިވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. ކޯވިޑް-19 އާއި ގުޅިގެން ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތް ކުރަންޖެހޭ މިހާލަތުގައި ޤައުމު އެކީ ބަންދުވެގެންދާނެ އިތުރު ފުރުސަތެއް ދިނުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ގެއްލުމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ހަރުކަށި ފިކުރުގެ މީހުންނާއިމެދު ޓެރެރިޒަމް ހުއްޓުވުމުގެ ޤާނޫނާއި، ފުލުހުންގެ ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ. ޤާނޫނީ ގޮތުން ފުރުސަތު އޮއްވާ ކުއްލި ހާލަތު އިއުލާންކޮށް ޤައުމުގެ އިޤްތިޞާދު ހަލާކުވެ ރައްޔިތުން ބިރުވެރި ހާލަތުގެ ތެރެއަށް ވެއްޓުމުގެ ދޮރު ހުޅުވާކަށް ނުޖެހޭ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ ރައީސަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރަކަށް ހުރަސް އެޅުމުގެ ގޮތުން ނޫން ކަމަށެވެ. އަދި އެ ގަރާރުގެ ސަބަބުން ރައީސަށް އެކަމުގައިި ގޮތް ނިންމެވުމަށް އިތުރު ޖާގައެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ގަރާރާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިސްނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ