ހަތިޔާރުހިމެނޭ ކުށްތަކާއި ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ކުށްތަކުގައި އެއްބަސްވުން ހެދުން ޤާނޫނުން މަނާކުރަންޖެހޭ ކަމުގައި ކްރިމިނަކް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިފަދަ ގޮތަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ބައެއް މީހުން ދައުލަތާއެކު އިޢުތިރާފްގެ އެއްބަސްވުން ހެދުމަށް ހުށައަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.
ހައިލަމް ވިދާޅުވީ ޙަމަލާދިން މިހުންނާއި އެކަން ރޭވި މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ އިޢްތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރު ޕީޖީއަށް ލިބިގެނެއްނުވާ ކަމަށެވެ. މިފަދަ ކުށްތަކަކީ ޤާނޫނުތަކުންވެސް އެފަދަ މީހުންނާއިމެދު އެއްބަސްވުނަތަކެއް ނެހެދޭނެ ގޮތަކަށް ހަރުކަށި ފިޔަވަޅު އެޅޭނެ ގޮތަކަށް ޤާނޫނުގައި ކަނޑައަޅަންޖެހޭ ކުށްތަކެއްކަމުގައި ހައިލަމް ވިދާޅުވިއެވެ.
ޙަމަލާދިން މިހުންނާއި އެކަން ރޭވި މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ އިޢްތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރު ޕީޖީއަށް ލިބިގެނެއް ނުވޭ. ހަތިޔާރުހިމެނޭ ކުށްތަކާއި ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ކުށްތަކުގައި އެއްބަސްވުން ހެދުން ޤާނޫނުން މަނާކުރަންޖެހޭ!
– ހައިލަމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމާލާގެ މަޢުލޫމާތު އާއްމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އިޢުތިރާފްގެ އެއްބަސްވުން ހެދުމަށް ވާހަކަދައްކަމުން ދިޔަނަމަވެސް މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ. ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން އަންނަ މަހުގެ ކުރީކޮޅު ފޮނުވާނެ ކަމަށެވެ. އެކަމަށް 15 ދުވަހުގެ މުއްދަތެއް އޮތްކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އެ މީހުންގެ މައުލޫމާތު ދިރާސާ ކުރަމުންދާކަމަށެވެ. ޝަމީމް ވިދާޅުވީ މިހަމަލާގެ ތަހުގީގަށް ބަންދުގައި ތިބި ބައެއް މީހުން ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހެދުމަށް ހުށައަޅާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ. މިގޮތުން 2 މީހަކު އިއުތިރާފް އެއްބަސްވުން ހެދުމަށް ހުށަހަޅާފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.
އިޢުތިރާފްގެ އެއްބަސްވުން ހުށައަޅަމުން އަންނައިރު އެފަދަ އެއްބަސްވުމެއް ހެދޭނެ މަރުހަލާ އެއް އޮންނަކަމަށާއި ދައުލަތާއެކު އެއްބަސްވުން ހެދުމުން ތުހުމަތުވާ މީހާއަށް ލިބޭ ލުއިތަކެއްވެސް ހުންނަކަމަށް ޝަމީމް ވިދާޅުވިއެވެ.
އަޅުގަނޑުމެން ދިރާސާ ކުރަމުން މި ގެންދަނީ އިއުތިރާފުވާން އެއްބަސްވާ މީހުންގެ ފަރާތުން ލިބޭނީ ކޮންކޮން މައުލޫމާތެއްތޯ ލިބެނީ. އަދި އެ ލިބޭ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް ރަނގަޅަށް މި މައްސަލައިގެ އަސްލު ހޯދަން ކިހާވަރެއްގެ އެހީތެރިކަމެއްތޯ ލިބޭނީ. މިކަންކަމަށް ބަލާފައި ގޮތް ނިންމާނީ.
– ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އަންނަމަހުގެ 4 ވަނަ ދުވަހުގެ ކުރިން މި މައްސަލައިގެ ލިއުންތައް ކޯޓަށް ހުށައަޅަންޖެހޭ ކަމަށާއި އެ ލިއުންތައް ކޯޓަށް ހުށައަޅާތާ 5 ދުވަހުގެ ތެރޭގައި ދައުވާ ލިބޭ މީހުންނަށް ދޭންޖެހޭކަމަށެވެ. އަދި އުއްމީދަކީ 3 މަހެއްހާ ދުވަހުގެ ތެރޭގައި ޝަރީއަތްތައް ނިންމާލުންކަމަށެވެ.
ކޮމެންޓު ފޮނުވާ