މިހާރު ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ އޮލިންޕިކް ކުޅިވަރު މުބާރާތުގައި އަންހެނުންގެ ފުޓްބޯޅަ އިވެންޓުގައި ކުޅުނު ދެވަނަ މެޗުވެސް ސްވިޑެން ކާމިޔާބުކޮށްފި އެވެ.
އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗު ސްވިޑެން އިން ކާމިޔާބު ކުރީ 4-2 ލަނޑުންނެވެ. މިމެޗުގައި އިނގިރޭސި ކުލަބް ޗެލްސީއަށް ކުޅެމުންއަންނަ ސަމް ކެރް ވަނީ ދެލަނޑު ޖަހާފައެވެ. މި މެޗުގައި ކެރް ކާމިޔާބުކުރި ދެލަނޑާއެކު އޭނާ ވެފައިވަނީ ގޭމްސްގައި އޮސްޓްރޭލިޔާގެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށެވެ. މިމެޗުން މޮޅުވުމާއެކު ގުރޫޕް ސްޓޭޖްގެ ދެމެޗުން މޮޅުވެ ސްވިޑެން ވަނީ ގޭމްސްގެ ނޮކައުޓް ބުރުން ޖާގަހޯދާފައެވެ.
ގޭމްސްގައި ޒެންބިޔާ އާއި ޗައިނާ ވާދަކުރި މެޗު ނިމުނީ 4-4 ލަނޑުން އެއްވަރު ވެގެންނެވެ. މެޗުގައި ޗައިނާ 3-1 ލަނޑުން ލީޑްކުރަމުން ދަނިކޮށް ޒެންމިބިޔާއިން ވަނީ ހަމިނުޓުގެ ތެރޭގައި މެޗުގެ ނަތީޖާ ހަމަހަމަކޮއްފައެވެ. މިމެޗުގައި ޒެންބިޔާގެ ކެޕްޓަން ބާބާ ބަންޑާ ވަނީ ހެޓްރިކް ހަދާފައެވެ. މިއީ މިފަހަރުގެ ގޭމްސްގައި އޭނާ ހެދި ދެވަނަ ހެޓްރިކެވެ.
ގޭމްސްގައި މެންޗެސްޓަރ ސިޓީގެ ފޯވާޑް ޖެނީ ބެކީއީ ކާމިޔާބު ކުރި ދެލަނޑާއެކު ކެނެޑާ ވަނީ 2-1 ލަނޑުން ޗިލީ އަތުން މޮޅުވެފައެވެ. އެމެރިކާ ވަނީ ނިއުޒިލޭންޑާ ދެކޮޅަށް ކުޅުނު މެޗު 6-1 ލަނޑުން ކާމިޔާބުކޮށްފަ އެވެ.