ހުކުރު މިސްކިތުގެ ހުރުމަތްކެނޑި މައްސަލާގައި ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ: އާދަމް ޝަރީފް

ހުކުރު މިސްކިތުގެ ހުރުމަތްކެނޑި މައްސަލާގައި ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ: އާދަމް ޝަރީފް

Author
ޢަލީ އާދަމް
23 ޖުލައި 2021 08:06
0

މާލޭ ހުކުރު މިސްކިތައް އަރައި ބިދޭސީ އަންހެނަކު ޣައިރު ދީނެއްގެ "އަޅުކަމެއް" ކޮށް މިސްކިތުގައި ހުރުމަތްކެނޑި މައްސަލާގައި ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

މާލޭ ހުކުރު މިސްކިތައް އަރައި ބިދޭސީ އަންހެނަކު "މެޑިޓޭޝަން" ގައި އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެއީ ޔޯގާ ކަސްރަތު ކުރާ މީހުން އިށީންދެގެން ތިބޭ ފަދަ ގޮތެކެވެ. މެޑިޓޭޝަން އަކީ ބުދު ދީނުގެ ހާމުދުރުންނާއި ހިންދޫ ދީނުގެ ގުރޫންގެ ފަރާތުން ދީނީ އަޅުކަމެއްގެ ގޮތުގައި ފެށިގެން އައި ކަމެކެވެ. ނަމަވެސް މިހާރަކަށް އައިސް ދީނީ ކަމެއްގެ ގޮތުގައި ނުބަލައި މިކަންކުރާ އެކި ދީންތަކުގެ މީހުން ވަނީ އިތުރުވެފައެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއައިސް އުޅޭ ބޭރުމީހުންގެ ފަރާތުން މިފަދަ ގޮތަކަށް މިސްކިތްތަކުގެ ހުރުމަތް ކެނޑުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށެވެ. އަދި މިކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިފަދަ ކަމެއް ހިންގުމުންވެސް ދިވެހިންގެ ފަރާތުން ފެނުނީ ސުލްހަ މަސްލަހަތު އިސްކުރި ތަން"

– އާދަމް ޝަރީފް

މީގެއިތުރުން ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމަށާއި ރައްޖޭގައި ހިންގަމުންގެންދާ މުންކަރާތްތައް ހުއްޓުވުމަށް އާދަމް ޝަރީފް ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ހުކުރު މިސްކިތައް އަރައި މެޑިޓޭޝަންގައި އިން އަންހެން މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގެއެވެ. ވީޑިއޯ އާންމުވުމާއި އެކު އެމައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަބަޔަކު ވަނީ ގޮވާލާފަ އެވެ. މީގެކުރިންވެސް މާލޭގެ ބައެއް މިސްކިތްތަކުގައި ބޭރުމީހުން ކައިބޮއި ހެދުމާއި އެނޫންވެސް އެހެނިހެން ކަންކަމަށް މިސްކިތް ބޭނުންކުރާ މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދުރުމި
ރިސޯޓުގައި ބުދުފައްޅި ހެދި މައްސަލައިގައި ވެސް ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ.