ޒަމާނުއްސުރެއް އެމްޑީޕީން ދިވެހި ރައްޔިތުންނަށް ހުށަހެޅި ކަންތައްތަކާއި، އެމްޑީޕީން ގަބޫލުކުރަމުންދާ އަސާސްތައް ސަރުކާރުން ޚިލާފް ވެފައިވާކަމަށް، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފިއެވެ.
އެމްޑީޕީގެ އައިގަނޑު އަސާސްތައް ދިފާޢުކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ބާރުއެޅުމަށް އެމްޑީޕީގެ ރައީް ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ތާއީދުކޮށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ، އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށެވެ.
ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމް ޢަލީ އަނިޔާވެރިގޮތަކަށް މަރާލާއި، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ، ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި ‘ލޭބަލް’ ތަކެއް އަޅުވައި، އެމީހުންނާއިމެދު މުޖުތަމަޢުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު، އެމް.ޑީ.ޕީ.ގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނުލްއުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފައިވެއެވެ.
އެމްޑީޕީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް. މިޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫން. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެ. ރައްޔިތުންގެ ހިތްތަކުގައި ބިރިވުރިކަން އުފައްދައި، ޤައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް މިރޫޙުން ދެކެން. ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ މިރޫޙުން ކަންބޮޑުވާކަމެއް.
– އެމްޑީޕީ އަންހެނުންގެ ރޫހުން ބުނެފައިވެއެވެ.
ނަމަވެސް، ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް އަންހެނުންގެ ރޫޙުން ވަނީ ބުނެފައެވެ.
އަދި ރާއްޖެއަކީ އަމާން ވެއްޓެއް ޤާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސަސީ ޙައްޤުތައް ހިމާޔަތްކުރުން އިސްކޮށް، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި، އެ.މް.ޑީ.ޕީ. ގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކޮށް އެ.މް.ޑީ.ޕީ. ގެ މައިގަނޑު އަސާސްތައް ދިފާޢު ކޮށްދެއްވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ