ހދ.ހަނިމާދޫގައި 30 އެދުގެ ހޮސްޕިޓަލެއް އަޅުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހަނީމަދޫގައި ޞިއްޙީ ދާއިރާއިން 30އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރަރުގެ ތެރޭގައި ޓެންޑަރ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ހައުސިންގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެރަށުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ސްކޭންގެ ޚިދުމަތް ބޭނުންވާކަމަށާއި އަދި، އަންހެނުންނާއި ޒުވާނުންނަށް ވޮލީ ކޯޓެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކޮމިޓީއިން ކުރިޔަށްގެންދާ މަސައްކަތްތަކާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުވެސް އެ ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޚާއްޞަކޮށް މުޅި ބޮޑު ތިލަދުންމަތީގެ ތަރައްޤީއަށާއި، ފަތުރުވެރިކަމުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. އެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމުގައި ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދިއުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަ ކުރެއްވި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ފަހުގެ މަޢޫލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވައި އެކަންކަމާ ގުޅޭގޮތުން ކައުންސިލަރުންނާ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ހަނިމާދުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވީ ހދ. ކުމުންދޫ އަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ