މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިންގް ޖާގަތަކަށާއި، ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ އަގުދީގެން ޕާކްކުރާ ޖާގަތަކަށް އެދި ހުށަގެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓްމަހުގެ 14 ވަނަ ދުވަހު 14:00 އާއި ހަމައަށް ކަމަށެވެ. މުއަދްތު އިތުރުކޮށްފައިވާނީ ކަމާގުޅިގެން ހޯދަން ޖެހޭ ބައެއް ލިޔެކިޔުންތަސް ހޯދުމުގައި މީހުންނަށް ދަތިތަކާއި ކުރިމަތިވަމުންދާތީކަމަށް ވަނީ ބުނެފައެވެ. ޕާކިންގް ޖާގަދޫކުރުމަށް ހަމަޖެހިފައިވަނީ 10 ސަރަހައްދަކުން ޖުމްލަ 211 ޖާގައެވެ. އޭގެތެރޭގައި މަގުމަތީ ޕާކިންގްތަކުގެ ގޮތުގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕާކިންގް ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މއ. ވައިދެރިޔާ ހިނގުން ( އަމީނީމަގާ ކުރެދި ގޯޅިއާ ދެމެދު) 44 ޖާގަ، މަ. ރާދަފަތި ހިނގުން ( އަމީނީމަގާ ފަޅުމަތީމަގާ ދެމެދު ) 21 ޖާގަ، މއ.ކުރެދި ގޯޅި ޖާގަ 10، މއ.ހުދުފަޅު ހިނގުން 8 ޖާގަ، މ.ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީ ފަޅި 20 ޖާގަ، މ.ހިލާލީމަގު، އަމީނީމަގު އިރުމަތީފަޅި ( ސްޓޭޑިއަމްފަޅި) 10 ޖާގަ، ޞަލާޙުއްދީން ޕާކިންގ 10 ޖާގަ، އާޓިފިޝަލް ބީޗް ޕާކިންގް 24 ޖާގަ، އަލިމަސްކާނިވާ ސަރަޙައްދު 6 ޖާގަ، ސަލްމާން މިސްކިތް ސަރަޙައްދު 58 ޖާގައެވެ.
ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފައިވަނީ އަންނަ އޯގަސްޓްމަހުގެ 17 ވަނަދުވަހުގެ 14:00 އާއި ހަމައަށް ކަމަށެވެ. މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ” ގަޑިކަމަރު ” ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.
ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމައި ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000.00 ރުފިޔާއެވެ. ގޮލީތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.
މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތަން 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެއެވެ.
ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ފޯމްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެމީހަކު އެދޭ މާރުކޭޓެއް ފާހަގަކުރަންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތައް ގުރުއަތުލައިގެންނެވެ. ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރުމަށްފަހު އެ ގިންތިއަކަށް އެދުނު ފަރާތްތަށް އެ ގިންތިއަކަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ގިންތިއަށް ލައި ގުރުއަތުލާގޮތަށެވެ. މާރުކޭޓް ގޮލީތަށް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީއެވެ.
ކޮމެންޓު ފޮނުވާ