އަފްއާނިސްތާނުގައި، ތާލިބާނުންނާއި އަފްއާން ސަރުކާރާ ދެމެދު އެކި ސަރަހައްދުތަކުގައި ހަގުރާމަ ކުރިޔަށް ދާއިރު، ދެފަރާތުން ސުލްހަ ވުމަށްޓަކާ ގަތަރުގެ ދޯހާގައި، އަފްއާނިސްތާނާއި ތާލިބާނުންގެ ސީނިއަރ އޮފިޝަލުންތަކެއް އަނެއްކާވެސް ބައްދަލު ކޮށްފިއެވެ.
ފާއިތުވެދިޔަ މަސްތަކުގައި ދެފަރާތުގެ ދެމެދުގައި ސުލްހައިގެ ވާހަކަަތައް ކުރިޔަށް ގެންދެވިފައިވި ނަމަވެސް، އަފްއާނިސްތާނުގައި، ހަގުރާވެރި ޖަމާއްތަކުގެ މެދުގައި ކުރިޔަށްދާ ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުންނާއި އަދި އެގައުމުގައި ފާއިތުވެދިޔަ 20 އަހަރުދުހަވު ދެމިތިބި ގައުމުން ބޭރުގެ ސިފައިން އެގައުމު ދޫކޮށް ދާން ފެށުމާއި ގުޅިގެން، ބޭއްވެމުން އައި ސުލްހައިގެ ވާހަކަަތަކަށް ފަހަކަށް އައިސް ވަނީ މަޑުޖެހުމެއް އައިސްފައެވެ.
ގަތަރުގެ ދޯހާގައި ކުރިޔަށްދާ ސުލްހައިގެ ވާހަކަ ތަކުގައި ބައިވެރިވާ އަފްއާނިސްތާން ޑެލިގޭޝަންގައި ސަރުކާރު އިސް އޮފިޝަލުންތަކެއް ހިމެނެއެވެ. މީގެތެރޭގައި ސަރުކާރުގެ ކުރީގެ ޗީފް އެގްޒެކެޓިވް އަބުދުﷲ އަބުދުﷲ ހިމެނިވަޑައިގަންނަވައެވެ.
ސަރުކާރުގެ އެންމެ އިސް އޮފިޝަލުންގެ ޓީމެއް ވާހަކަތަކުގައި ބައިވެރި ވުމުގެ މަގުސަދަކީ، ސަރުކާރުގެ ފަރާތުން ސުލްހައިގެ މަޝްވަތާތަކަށް އިތުރަށް އެއްބާރުލުންދީ، ވާހަކަތައް ހަލުއި ކުރުމެވެ.
މި މަޝްވަރާތަކުގައި ތާލިބާނުންގެ ފަރާތުން ބައިވެރިވަނީ، ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ތާލިބާނުންގެ ޕޮލިޓިކަލް އޮފީހުގެ އޮފިޝަލުންނެވެ.
މިހަފްތާގެ ހޮނިހިރު ދުވަހުގެ ދިގު މަޝްވަރާތަކަށްފަހު، މަޝްވަރާތަކުގައި ބައިވެރިވި ސަރުކާރު އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މަޝްވަރާތަކުގެ އިތުރު ބުރެއް އަނެއްކާވެސް އާދީއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
"މާދަމާ ޔަގީނުންވެސް، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ފަހުގެ ނަތީޖާއަކާ ހަމައަށް ވާސިލް ވެވޭނެ،" ވާހަކަތަކުގައި ބައިވެރިވާ ސަރުކާރު ޓީމުގެ ތަރުޖަމާން ނާޖިއާ އަންވަރީ ވިދާޅުވެފައި ވެއެވެ.
ތާލިބާނުންގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވާ ޓީމުގެ ތަރުޖަމާން މުހައްމަދު ނައީމް ވިދާޅުވެފައިވަނީ، "ވާހަކަ ދައްކައިގެން ޚިޔާލުތަފާތުވުންތައް ނައްތާލުމަށް ތާލިބާނުން ތައްޔާރަށް ތިބިކަން އެ ޖަމާއަތުން ތަކުރާރުކޮށް ދަންނަވާފައި ވާނެ" ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ހަމެއެކަނި ހައްލަކީ މަޝްވަރާގެ އުސޫލެވެ.
"އެހެންނަމަވެސް، އަފްއާނިސްތާން ސަރުކާރުންވެސް ހަމަ އެ ޝައުގިވެރިކަން ދައްކަން ޖެހޭނެ،" ނައީމް އިތުރަށް ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ