ނަފްރަތު ބިލަކީ ސަރުކާރު ހޫނުފެނަށްލައި، ކައްކަން ބޭނުންކުރާ ދަރަކަށް ވެގެން ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ސައުދު ވިދާޅުވީ ނަފްރަތު ބިލަކީ މުޖުތަމައުގައި އިތުރަށް ނަފްރަތާއި ބައިބައިވުން އުފެދިފައިވާ ބިލަކަށް މިއަދު ވެފައިވާކަމަށެވެ.
މިބިލަކީ ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ރައްޔިޔުންނަކާއި، ދީނީ އިލްމުވެރިން ފާޅުގައި ދެކޮޅު ހަދަމުންދާ ބިލަކަށްވާއިރު، ބިލު ވަކި މީހަކަށް ފެންނަ ގޮތަކަށް ފާސްކުރުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ޚުދުމުހުތާރު މަސައްކަތެއްގެ ގޮތުގައި ސައުދު ވަނީ ފާހަގަކޮށްފައެވެ. އަދި މިގޮތަކަށް ކުރެވޭ މަަސއްކަތުން ރައްޔިތުންގެ ތެރޭގައި އުފެދިގެންދަނީ އިތުރު ނަފްރަތާއި ބައިބައިވުންކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.
ނަފްރަތު ބިލަކީ ސަރުކާރު ހޫނުފެނަށްލައި، ކައްކަން ބޭނުންކުރާ ދަރަކަށް ވެގެން ނުވާނެ. ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ މެޖޯރިޓީ ބިލާއި ދެކޮޅު ހަދަމުންދާ ވަގުތެއްގައި މިފަދަ ބިލެއް ގަދަބާރުން ފާސްކުރުމަކީ ވަރަށް ޚުދުމުހުތާރުކަމެއް! ނަފްރަތު ބިލުން އުފަން މިވަނީ އިތުރު ނަފްރަތު.
– ސައުދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މިހާރު އެމްޑީޕީގެ އިއްތިހާދު ކަމުނުދާކަމަށާއި، މިހާރު އޮތް ސަރުކަރު ކޯލިޝަނަށް ތާއީދު ނުކުރާކަމަށް މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ވެރިކަން ހިންގާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ނޭދޭކަމަށެވެ. އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ދެން ކުރަންޖެހޭ އެއްވެސްކަމެއް ނެތްކަމަށެވެ. ވެރިކަންވެސް ކުރެވިއްޖެ ކަމަށާއި، އަދި އެނޫންކަންވެސް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ ޤައުމު ދަރިންނާއި ހަމައަށް ހެޔޮ ގޮތުގައި ވާސިލް ކުރުމުގެމަސައްކަތް ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަފްރަތު ބިލާއި ދެކޮޅު ހެދުމުގެ ގޮތުގައި ރާއްޖޭގެ ބައެއް ރަށްރަށުގައި މުޒާހަރާ ކޮށްފައިވާއިރު، ގިނަ ކައުންސިލްތަކަކުން ވަނީ މިބިލް މަޖިލީހުން ބޭރުކޮށްލުމަށްވެސް ގޮވާލާފައެވެ. މިބިލް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
ކޮމެންޓު ފޮނުވާ