ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅާފައިވާ ނަފްރަތުގެ ބިލާއިމެދު އެމްޑީޕީގެ އެތައް މެމްބަރުންތަކެއް ނުރުހޭކަން ހާމަކޮށްފައިވާއިރު، ބިލު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލު ކުރަންޖެހޭކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން މޫސަ ވިދާޅުވީ ނަފްރަތުގެ ބިލާއި އެމްޑީޕީގެ އެތައް މެމްބަރުންތަކެއް ދެކޮޅުކަމަށެވެ. ރާއްޖޭގެ އެމްޑީޕީގެ އެތައް ކައުންސިލަކުންނާއި، އާންމު އެތައް މެމްބަރުން މިބިލާއި ދެކޮޅުކަން ހާމަކުރާއިރު، ނަޝީދަށް މިބިލް ރަނގަޅުވި ގޮތެއް ނޭގޭކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރާ ޕާޓީއަކަށްވާއިރު، ނަފްރަތުގެ ބިލާއިމެދު ރައްޔިތުން އިއްވާފައިވާ އަޑުތަކާއި، ފާޅުކޮށްފައިވާ ޝުޢޫރުތަކާއި އެއްގޮތަށް ބިލު އިސްލާހުކޮށް ބިލު ބަދަލު ކުރަންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.
ސަރުކާރާއި ވަކިވާން ރައީސް ނަޝީދު ނަންގަވާ ބަހަނާއަކީ ނަފްރަތުގެ ބިލްކަމަށް ބުނާއިރު އެމްޑީޕީގެ އެތައް މެމްބަރުންނާއި، އެތައް ކައުންސިލަކުން ބަޔާންތައް ނެރެފައިވާއިރު އެމްޑީޕީ އަކީ ރައްޔަތުންގެ އަޑުއަހާ ރައްޔިތުން އެދޭގޮތަށް ކަންކުރާން އޮތް ޕާޓީއެއް ވީމާ އެމީހުންގެ ކަންބޮޑުވުން އަހާ ބިލް ބަދަލު ކުރަންޖެހޭނެ.
- ރީކޯ މޫސަ
ރައީސް ނަޝީދު ވަނީ މިހާރު އެމްޑީޕީގެ އިއްތިހާދު ކަމުނުދާކަމަށާއި، މިހާރު އޮތް ސަރުކަރު ކޯލިޝަނަށް ތާއީދު ނުކުރާކަމަށް މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ވެރިކަން ހިންގާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ނޭދޭކަމަށެވެ. އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ދެން ކުރަންޖެހޭ އެއްވެސްކަމެއް ނެތްކަމަށެވެ. ވެރިކަންވެސް ކުރެވިއްޖެ ކަމަށާއި، އަދި އެނޫންކަންވެސް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ ޤައުމު ދަރިންނާއި ހަމައަށް ހެޔޮ ގޮތުގައި ވާސިލް ކުރުމުގެމަސައްކަތް ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހިސާން ބިލު މަޖިލީހުގެ ނިމިގެންދިޔަ ދައުރުގެ ތެރޭގައި ފާސްކުރުމަށް މަސައްކަތްކުރި ނަމަވެސް ސަރުކާރުން މިބިލް އަލުން ކޮމެޓީއަށް ފޮނުވައިގެން ގިނަ އިސްލާހުތަކެއް ގެނައުމަށް ބޭނުންވުމުން ބިލު ވަނީ އަލުން ކޮމެޓީއަކަށް ފޮނުވާފައެވެ. މިބިލުގެ މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ދަނީ ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މިބިލާއިކު މަޖިލީހުގައި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި، ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުން ވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ.
ކޮމެންޓު ފޮނުވާ