މިހާރު އޮތް ވެރިކަން ބަޣާވާތަކުން ވައްޓާލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަވަރަށް ދިނުމަށް ޖާގައެއް ނުދެވޭނެ ކަމުގައި އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް ސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ މިއަދު ނެރުއްވި ބަޔާނާއި ގުޅިގެންނެވެ. ރައީސް ނަޝީދު ގެންދަވަނީ ފާޅުގައި ރައީސް ޞާލިހަށް ތާއީދު ނުކުރައްވާކަން ހާމަކޮށް، ސަރުކާރުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ނަޝީދުގެ ވާހަކަތަކާއި ގުޅިގެން މޫސަ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީއަށް ދެވަނަ ފަހަރަށް ލިބިފައިވާ ވެރިކަން އަނެއްކާވެސް ބަޣާވާތްކޮށް ވައްޓާލަން އެއްވެސް މީހަކަށް ފުރުސަތު ނުލިބޭނެކަމަށެވެ. އަދި މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތަށް ބަޣާވާތަކުން ވެރިކަން ވައްޓާލައި ރައީސް ނަޝީދު ހަވަރަށް ދިން އުސޫލުން ރައީސް ޞާލިހު ހަވަރަށް ދިނުމަށް ކުރާ މަަސައްކަތަށް ޖާގަ ނުދެވޭނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.
އެއްވެސް ބަހަނާއެއް ހުއްޖަތެއް ދައްކާފައި ދެވަނަފަހަރަށް އެމްޑީޕީއަށް ލިބިފައިވާވެރިކަން ބަޣާވާތްކޮށް ވައްޓާލާ، ރައީސް ސޯލިހު ހަވަރަށްދިނުމަށް ކުރާމަސައްކަތަށް ޖާގައެއް ނުދެވޭނެ.
– މޫސަ ވިދާޅުވިއެވެ.
މޫސާ މަނިކަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޚިޔާލު ތަފާތުވުމުން ޕާޓީން ވަކިކޮށްފައިވާ މެމްބަރެކެވެ. މޫސައަކީ 2012 ވަނަ އަަހަރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުންވެސް އެކަމާއި އެންމެ ބޮޑަށް އަޑުއުފުލައި، މަގުތަކަށް ނިކުމެ މުޒާހަރާކުރި އެކަކެވެ. ރައީސް ނަޝީދުގެ ދިފާއުގައާއި، އެމްޑީޕީގެ ދިފާއުގައި މޫސަ ކުރި މަސައްކަތް ބަލައި ނުގަނެ މޫސަ ޕާޓީން ބޭރުކޮށްލާފައިވަނީ ރައީސް ނަޝީދުގެ ބާރު ޕާޓީތެރެއިން ނެތިދާނެކަމަށް ބަލާފައިކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމައަށްފަހު އެމަނިކުފާނު ގެންދަވަނީ ސަރުކާރާއި މަޑުމަޑުން ދުރުވަމުންނެވެ. އަދި މިހާރު އޮތް ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއަށް ރައީސް ނަޝީދުގެ ނުރުހުން އިންތިހާއަށް ދަނީ ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ