ޖޫރިމަނާ ފައިސާ ނުދެއްކިޔަސް، ލައިސަންސް ނެގޭނެ!

ޖޫރިމަނާ ފައިސާ ނުދެއްކިޔަސް، ލައިސަންސް ނެގޭނެ!

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2021 12:47
0

ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ގަވާއިދަށް މިބަދަލު ގެނެސްފައިވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި 18 އަހަރު ނުފުރޭ ކުދިން ލައިސަންސު ނެތި ކޮށްފައިވާ ޖޫރިމަނާއަށް ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެފައި ވަނިކޮށެވެ. އަދި ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށްވެސް އެ މައްސަލަ ހުށަހަަޅައިގެން ކުރިއަށް ގެންދެއެވެ.

ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ކޮށްގެން ނޫން ގޮތަކަށް އެ މީހުންނަށް ލައިސަންސް ނުނެގޭނެއެވެ. އެކަމާ ގުޅިގެން ޝަކުވާތައް އިތުރުވެފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި ގަވާއިދުގައިވާ ގޮތުން، ލައިސަންސް ނުނަގައި ދުއްވުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް އަލަށް ލައިސަންސް ނެގޭނެއެވެ.

18 އަހަރު ނުފުރޭ ކުދިން ލައިސަންސު ނެތި ކޮށްފައިވާ ޖޫރިމަނާއަށް ހައްލެއް ގެނެސްދޭނަން: ރައީސް

ރާއްޖޭގެ ޤާނޫނު ބުނާގޮތުން 18 އަހަރުން ދަށުގެ ކުރިން ސައިލަކާއި، ކާރުފަދަ އުޅަދު ދުއްވުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 އަހަރު ނުފުރޭ ކުދިން ސައިލަކާއި ކާރު ދުއްވުމުގެ ލައިސަންސު ނެތި ދުއްވުމުގެ ސަބަބުން ބޮޑެތި ޖޫރިމަނާތައް ވަނީ ކޮށްފައެވެ.

ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭ ގޮތަށް ގަވާއިދު ބަދަކު ކުރިއިރު، ޤަވާއިދުތަކާއި ހިލާފުވުމުންނާއި ޤަވައިދާއި ހިލާފަށް ޕާކުކުރާނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް ލައިސަންސް ބާތިލުކުރާ ގޮތަށްވެސް ވަނީ ގަވާއިދަށް ބަދަލު ގެނެސްފައެވެ.

އައު ޤަވައިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެއެވެ. އައު ޤަވައިދުގައިވާ ގޮތުން އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވައިދުތަކާއި ހިލާފުވާނަމަ ލައިސަންސާއިއެކު ހިމަނާފައިވާ ކްރެޑިޓް ޕޮއިންޓްތައް އުނިކޮށް އެ ޕޮއިންޓްތައް ހުސްވުމުން ލައިސަންސް ބާތިލުވާނެއެވެ. އައު ޤަވައިދުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އެ އުޅަނދު ދުއްވި މީހެއްގެ ލައިސަންސުން 75 ޕޮއިންޓް އުނިވާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ 50 ޕޮއިންޓް އުނިކުރާނެއެވެ. އަދި މިކުށް 2 ފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރުވެއްޖެނަމަ ކޮންމެ ފަހަރަކު 25 ޕޮއިންޓް އުނިވާނެއެވެ.

އުޅަނދު ދުއްވާ މީހާގެ އަތުން އަހަރެއްގެ ތެރޭގައި 5 އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ވެއްޖެނަމަ ކޮންމެ ފަހަރަކަށް 20 ޕޮއިންޓް އުނިކުރަންވެސް ޤަވައިދުގައިވަނީ ހިމަނާފައެވެ. މީގެއިތުރުން ކަނޑައެޅިފައިވާ ބާރިމުނަށްވުރެ ބާރަށް ދުއްވި ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކަށް 25 ޕޮއިންޓް ލައިސަންސުން އުނިވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.