ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަޝްމަލީ ނެގީ ހަމައެކަނި މަސާޖެއް ކަމަށް ބުނި ނަމަވެސް، އެކުއްޖާއާއެކު ޖިންސީގުޅުން ހިންގި މީހުންގެ ތެރޭ އަޝްމަލީ ހިމެނޭ ކަމަށް ކުޑަކުއްޖާ ކޯޓުގައި ބުނެފި އެވެ.
މި މައްސަލައިގެ ތަހުގީގަށް ދިހަ ދުވަހަށް ބަންދު ކުރުމަށްފަހު، އިއްޔެ އޮތް އަޑުއެހުމުގައި އެ މައްސަލާގައި ހިމެނޭ އިތުރުބަޔަކާއެކު އަޝްމަލީ ވަނީ އައިޑެންޓިފިކޭޝަން ޕެރޭޑެއްގައި ބައިވެރި ކުރުވާފަ އެވެ.
އެއީ ގިނަބަޔަކު ހިމެނޭ މައްސަލައަކަށް ވުމުން ސީދާ އެއަމަލު ހިންގި މީހުން ދެނެގަތުމަށް ކުރާ ކަމެކެވެ. އެގޮތުން އަޝްމަލީ އާއި އިތުރު 3 މީހެއް އެކުއްޖާއާ އެކު ޖިންސީގުޅުން ހިންގާފައިވާކަމަށް އިއްޔެގެ އަޑުއެހުމުގައި އެކުއްޖާ ކޯޓުގައި ބުނެފައި ވެއެވެ.
ނަމަވެސް އިއްޔެގެ އަޑުއެހުމުގައި ކަފާލާތުގެ ދަށުން އަޝްމަލީ ދޫކޮށްލުމަށް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން 25،000 ލަންކާ ރުޕީސް ނުވަތަ 125 އެމެރިކާ ޑޮލަރު ކަފާލެއްގެ ގޮތުގައި ދެއްކުމަށްފަހު ބަންދުން ދޫކޮށްލެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ކަފާލާތުގެ އިތުރުން، ފަސް މިލިއަން ލަންކާ ރުޕީސް ނުވަތަ 25،000 އެމެރިކާ ޑޮލަރުގެ ދެ ގެރެންޓީ ނުވަތަ ޝުއަރިޓީސް ވެސް ބަހައްޓަންޖެހޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އަޝްމަލީ ކަފާލާތުގެ ދަށުން ދޫކޮށްލީ އޭނާގެ ޕާސްޕޯޓު ކޯޓުން ހިފެހެއްޓުމުގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމުން ކަމަށް އޭނާގެ ވަކީލު ބުނެފައިވެއެވެ.
މިމައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އަޝްމަލީގެ ފަރާތުން ވަކީލު ބުނީ، އޭނާ އޮންލައިންކޮށް އޮއިލް މަސާޖެއް ބުކްކޮށް، ހަމައެކަނި ނެގީ މަސާޖެއް ކަމަށާއި، އެ މަސާޖު ކޮށްދިނީ ކުޑަކުއްޖެއް ކަންވެސް ނޭނގޭ ކަމަށެވެ.
މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ