ގަރާޖް ހުއްދައިގެ ކަންކަން ކައުންސިލަށް ބަދަލުކުރީ މަޝްވަރާނުކޮށް: މުއިއްޒު

ގަރާޖް ހުއްދައިގެ ކަންކަން ކައުންސިލަށް ބަދަލުކުރީ މަޝްވަރާނުކޮށް: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2021 08:01
0

މާލޭ ސިޓީގައި ރަޖިސްޓްރީކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަށްޓަކައި ގަވައިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖް ޗެކްކުރުމާއި ގަރާޖްގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާއި ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރިކަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން އިއުލާންކުރީ ސިޓީ ކައުންސިލްގެ މަޝްވަރާއެއްނެތިކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުހަހުގެ ރޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ބޭއްވި ހަފުތާ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މޭޔަރ ވިދާޅުވީ މަޝްވަރާކުރެވި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައިގެން، ގައުމީ އިދާރާތަކުން ސިޓީ ކައުންސިލާ ޙަވާލުކުރެވޭ ކޮންމެ މަސައްކަތެއްކުރުމަށް ސިޓީ ކައުންސިލުން ތައްޔާރަށް އޮތްކަމަށެވެ. އެހެން ނަމަވެސް މަޝްވަރާއެއް ނެތި ކުއްލި ގޮތަކަށް މަސައްކަތް ހަވާލުކޮއްފިކަން އިޢުލާންކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުން އަރާނެކަމަށް ވިދާޅުވިއެވެ.

މަސައްކަތެއް ބަދަލުކުރަންޏާ ކުރެވެންޖެހޭ އެތައްކަމެއް އޮންނާނެ. މަޝްވަރާތަކެއް ހިނގަންޖެހޭ. ރިސޯސް ބަދަލުކުރެވެންޖެހޭނެ.

– މޭޔަރ ޑރ.މުއިއްޒު ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މަޝްވަރާކޮށް ރިސޯސަސް ބަދަލުކުރުމުން 1 އޮގަސްޓްގައިވެސް ޚިދުމަތް ދޭން ތައްޔާރަށް ތިބިކަމަށެވެ.

މިކަހަލަ އެއްވެސް މަޝްވަރާއެއް ނުކުރެވި، ރިސޯސަސް ބަދަލުނުކުރެވި ކުއްލިއަކަށް އިޢުލާނެއް ނުކުތީމަ ރައްޔިތުންނަށް ވަރަށްބޮޑަށް އުއްމީދުކުރެވޭނީ ސިޓީ ކައުންސިލުން އެކަން ކުރާނެކަމަށް.

– މޭޔަރ ވިދާޅުވިއެވެ.

ގަރާޖް ހުއްދައިގެ މަސައްކަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރިކަން ޓްރާންސްޕޯޓް އޮތޯރިޓިން އިޢުލާންކުރީ 12 ޖުލައި 2021 ވަނަ ދުވަހު ގެޒެޓްކުރި އިއުލާނެއްގައެވެ. މި އިޢުލާނާ ގުޅިގެން، މަސައްކަތް ބަދަލުކުރުމުގެ ކަންކަމުގައި މަޝްވަރާކުރަން މަސައްކަތްކުރެއްވިކަމަށާ ނަމަވެސް އެކަމަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާކަމަށް މޭޔަރ ވިދާޅުވިއެވެ. ވަރަށް ގިނަ ދުވަސް ބަންދުވެފައި ހުޅުވޭ ދުވަހެއްގައި ކީދުމަތް ބަދަލުކޮށް ފަށަޏް ވުމުން ދަތިތަކާކުރިމަތިވާނީ އެގޮތަށް ޚިދުމަތް ފެށެންނެތްކަމުގައި މޭޔަރ ފާހަގަކުރެއްވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނާ ގުޅިގެން 15 ޖުލައި 2021 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ކައުންސިލާ މަޝްވަރާކުރުމަށް ދެންނެވުމަށާއި މަޝްވަރާއިން ގޮތެއް ކަނޑައެޅެންދެން މި މުއްދަތު ފަސްކޮށްދިނުމަށް ދެންނެވުމަށްކަމަށްވާތީ ބުރާސްފަތިދުވަހު ވަނީ މަޝްވަރާކޮށް ގޮތެއް ހަމަޖެހެންދެން މުއްދަތު ފަސްކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓަރ އަށް ސިޓީއަކުން ދެންނެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.