ނިޒާމުގެ ވާހަކައަށްވުރެ މުހިންމީ ލިބިފައިވާ ބާރުތަކާއެކު، މައްސަލަތަކަށް ޙައްލުހޯދުން: އަނާރާ

ނިޒާމުގެ ވާހަކައަށްވުރެ މުހިންމީ ލިބިފައިވާ ބާރުތަކާއެކު، މައްސަލަތަކަށް ޙައްލުހޯދުން: އަނާރާ

Author
މުޙައްމަދު ޝަޒައިމް
07 ޖުލައި 2021 11:08
0

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދެއްކުމަށްވުރެއް މުހިންމީ ލިބިފައިވާ ބާރުތަކާއިއެކު ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުންދާ މަސައްކަތްތަކާއި، ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި އަނާރާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވާހަކަ ދެއްކުމަކީ މިވަގުތު އެހާމުހިންމު ކަމެއް ނޫންކަމަށެވެ. މިހާރު އެންމެ މުހިންމު ކަމަށްހަދަންވީ ރައްޔިތުން ދީފައިވާ ބާރުތަކުގެ ބޭނުންކޮށް، ޤައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ކަމުގައި އަނާރާ ވިދާޅުވިއެވެ.

މުހިއްމީ ނިޒާމު ބަދަލުކުރުމުގެ ވާާހަކައެއްނޫން. މުހިއްމީ ލިބިފައިވާ ބާރުތަކާއެކު، މައްސަލަތަކަށް ޙައްލުހޯދަދީ ޤައުމު ބިނާކުރުން.

– އަނާރާ ވިދާޅުވިއެވެ.

2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާނެ ކަމަށެވެ.

މި ގޮތުން 2023 ގެ ވަކި ހިސާބަކުން ނިޒާމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ކަން ކުރާނީ ރާއްޖޭގެ އެންމެ މައި ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމުން ގުޅިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމް ގެންނާކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރަސް ނާޅުއްވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައިގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ކަމެކެވެ.

ނަމަވެސް މިކަމާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ ދެކޮޅު ހައްދަވައި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހިދަރިއެއް
ޕާޓީތަކުން ސިޔާސީ ބާރުހޯދުމަށްވުރެ، ރައްޔިތުންނަށްޓަކައި މުޖްތަމަޢުގަހުރި މައްސަލަތައް ޙައްލުކުރަން އެންމެ އިސްކަންދޭންޖެހޭ. ރަނގަޅު ވާހަކައެއް.