އެމްޑީޕީގެ ވެރިކަން ތަކުގައި ފަސްލެޑީންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ ވައްކަން ކުރާނެ ބައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނިއުސް ނެޓްވޯކް ކިޔާ އޮންލައިން ނޫހެއްގައި، މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ސްރީލަންކާގައި އޮންނަ މިހާރުގެ ފަސްޓްލޭޑީ މެޑަށް ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ބުނެ ފަތުރަމުންދާ ޚަބަރާއި ގުޅިގެން ސިރާޖް ވިދާޅުވީ އެމްޑީޕީގެ ވެރިކަންތަކުގައި ތިއްބަވާ ފަސްޓްލޭޑިންނަކީ ވައްކަން ކުރާނެ ބައެއް ނޫންކަމަށެވެ.
އެމްޑީޕީގެ ވެރިކަންތަކުގައި ތިއްބަވާ ފަސްޓްލޭޑިންނަކީ ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް ލިބިގެންވާ ނަޒާހާތްތެރި ބޭފުޅުންތަކެއްކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި ނިމިދިޔަ ވެރިކަމުގައި ޞަދަޤާތު ފައުންޑޭޝަންނާއި އެނޫން ނަންނަމުގައި އޭރުގެ ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހިމް ވައްކަން ކުރި ކަމުގައި ވީނަމަވެސް މިހާރުގެ މެޑަމް ފަޒުނާއާއި، މެޑަށް ލައިލާއަކީ ވައްކަން ކުރައްވާނެ ބޭފުޅުންތަކެއް ނޫންކަމަށެވެ.
އެމްޑީޕީ ސަރުކާރުގައި ފަސްޓް ލޭޑީއިން އަކީ ރައްޔަތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ބައެއް.
ޞަދަޤާތް ފައުންޑޭޝަންނާއި އެނޫން ނަންނަމުގައި ފަސްޓް ލޭޑީ ފާތުމަ ވައްކަން ކުރިޔަސް، ފަސްޓް ލޭޑީ މެޑަމް ލައިލާ އާއި ފަސްޓް ލޭޑީ މެޑަމް ފަޒްނާ ވައްކަން ކުރާކަށް ނޫޅޭނެ.
— Moosa Siraj (@MoosesSiraj) October 24, 2020
މިމައްސަލާގައި މެޑަމް ފަޒުނާއާއި ގުޅޭގޮތުން އިނގިރޭސިބަހުން ނެރޭ ރާއްޖޭގެ ނޫހެއް ކަމަށްވާ މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމް.އެން.އެން) އާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ޤާނޫނީ ޓީމުންވަނީ ދެއްވައިފައެވެ.
ރައީސްގެ އަނބިކަނބަލުންގެ ފަރާތުން ނެރުއްވި ބަޔާނުގައި ބުނީ އެކަމަނާގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި، އެ ކުންފުނީގައި އެކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެ ފަދަ އެއްޗެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. މިހާރު މިނިސްޓްރީ އޮފް ޓްރޭޑްގެ އޮންލައިން ޕޯޓަލް އިން، ރަޖިސްޓަރީކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ ނަމާއި ހިއްސާދާރުންގެ މައުލޫމާތު ފެންނަން އެބަ ހުރި ކަމަށާއި އަދި ސްރީލަންކާގައި ވެސް އެ ފަދައިން ހޯދެން އެބަހުރި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މޮރިޝަސްއަށް ފައިސާތަކެއް ބަދަލުކުރި ކަމަށް ބުނާ މައްސަލާގައި، އެ ގައުމުގައި ފަޒްނާ ހިންގަވަނީ ކޮން ވިޔަފާރިއެއް ކަމެއް އަދި ފައިސާ ހުރިނަމަ އެހުރީ ކޮން ބޭންކެއްގައި ކަމެއް ހާމަކޮށްފައި ނެތްއިރު މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއް ވެސް ގެނެސްދީފައި ނެތް ކަންވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.ވީމާ، މިކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްތައް އެ ޓީމުގެ ފަރާތުން ކުރިއަށް ގެންދާނެކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މި ބަޔާނުގައި އެނޫސް ނިސްބަތްވާ ކުންފުނި މޯލްޑިވްސް ނިއުސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑްގެ މަސްޢޫލުވެރި ފަރާތްތަކުގެ ނަންތައްވެސް ވަނީ އާންމު ކޮށްފައެވެ. އިކޮނޮމިކް މިނިސްޓރީގެ ބިޒްނަސް ޕޯޓަލުން ފެންނަގޮތުން އެ ކުންފުނީގެ ހިއްސާދާރުންނަކީ ޙަމްދާން ޝަކީލާއި ސަނާއު ރަޝީދެވެ. މެނޭޖިންގ ޑިރެކްޓަރަކީ ސަނާއު ރަޝީދެވެ
ކޮމެންޓު ފޮނުވާ