ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް: މައުމޫން

ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް: މައުމޫން

ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ އޮތް "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވަނީ  2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށެވެ.

މީގެ އިތުރުން ބަރުލަމާނީ ނިޒާމް ގެންނަން އެމްޑީޕީން ކުރާ މަސައްކަތަށް އިދިކޮޅު ޕީޕީއެމްއިން ތާއީދުކުރާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިކަމާގުޅިގެން ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއް ޕާޓީ އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ޙާލަތާ އެންމެގުޅޭ އަދި ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ބޮޑު އަޣްލަބިއްޔަކުން ނިންމާފައިވަނީވެސް ހަމަ ރިޔާސީ ނިޒާމު ރާއްޖޭގައި އޮތުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ

"ވީމާ ބަރުލަމާނީނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް. ވަރަށްސާފު"

– މައުމޫން

ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރު ބަރުލަމާނީ ނިޒާމް ގެނެވޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަން ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ. ނަމަވެސް ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވިސްނުންފުޅެއް ހުރީ ޤައުމު މިހާރު އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ، ޤައުމުގެ ހާލަތު ރަނގަޅުކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *