ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމާ ގުޅިގެން ވިޔަފާރިވެރިންގެ އުދާސްތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައި

ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް ނާދޭ! އިގްތިސާދީ ހައްލެއް ބޭނުން!

ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް ނާދޭ! އިގްތިސާދީ ހައްލެއް ބޭނުން!

ކޯވިޑް19އާއެކު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރީގެ ގޮންޖެހުމެވެ. މުޅި ދުނިޔޭގެ އިގްތިސާދުވެސް އަރައިގަންނަ ދަތި ބޮޑު އަދަވަޅަކަށް ވެއްޓިގެން ދިޔައެވެ. ދުނިޔޭގެ މުއްސަދި ގައުމެއް ފަގީރު ގައުމެއް ތަފާތު ވުމެއް ނެތިއެވެ.

އެހެންނަމަވެސް، ކޯވިޑް19ގެ އަސަރު ދުނިޔޭގެ ތައްރައްގީވަމުން އަންނަ ގައުމުތަކަށާއި އަދި ފަގީރު ގައުމުތަކަށް ކޮށްފައިވާލެއް އެތައް ގުނައެއް ބޮޑުކަމުގައިވި ނަމަވެސް، ދުނިޔޭގެ މުއްސަދި އަދި ކުރިއަރާފައިވާ އިގުތިސާދުތަކަށްވެސް ވަނީ ޕެންޑަމިކްގެ އަސަރު ވަރަށް ބޮޑުކޮށް ކޮށްފައެވެ.

މިގޮތުން، 2019ވަނަ އަހަރު ނިމެމުން އަންނަނިކޮށް، ދުނިޔެ ކުރިމަތިލީ މި ރޯގާގެ ސަބަބުން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގުތިސާދު އޮތް 10 ގައުމުގެ ތަރުތީބަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މިގޮތުން ސިއްޙީ މިކާރިސާއަށް 2 އަހަރު ފުރިގެން ދާއިރު، އަދިވެސް ދުނިޔޭގެ އެެންމެ ކުރިއަރާފައި އިގްތިސާދުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް، އެމެރިކާ، ޗައިނާ، ޖަޕާން އަދި ޖަރަމަނީ އެމަގާމްގައި ދެމި އޮތް ނަމަވެސް، ދުނިޔޭގެ 5 ވަނައަށް އެންމެ ވަރުގަދަ އިގްތިސާދެއް އޮތް އިންޑިއާ ވަނީ 6 ވަނައަށް ވެއްޓި، އަދި މީގެ ކުރިން އެންމެ ވަރުގަދަ 10 އިގްތިސާދުގެ ލިސްޓުން ޖާގަ ހޯދަމުން އައި ސައުތު ކޮރެއާއަށް ވަނީ މި ލިސްޓުން ޖާގަ ގެއްލިފައެވެ.

އެހެންނަމަވެސް، ދުނިޔޭގެ އެންމެ މުއްސަދި އިގްތިސާދުތަކުގެ ލިސްޓުގެ އެއްވަނާގައި އަދިވެސް އެމެރިކާގެ އިގްތިސާދު ދެމި އޮތް ނަމަވެސް، އެގައުމުގެ އިގްތިސާދު 2020 ވަނަ އަހަރުވަނީ، %3.5 އިން ކުޑަ ވެފައެވެ. މިއީ 1949 ވަނަ އަހަރަށްފަހު އެގައުމުގެ އިގްތިސާދަށް މިހާބޮޑު ހީނަރުކަމެއް އައި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި 2009 ވަނަ އަހަރަށްފަހު، އެމެރިކާގެ އިގްތިސާދަށް ހީނަރުކަމެއް އައި ފުރަތަމަ ފަހަރުވެސް މެއެވެ.

ފާއިތުވި 3 އަހަރު ދުނިޔޭގެ އިގުތިސާދުކަށް ވިލުންވެރިކަން އައިސްފައިވާ ނިސްބަޔްތައް

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްޠިޞާދު އޮންނަ ޖަޕާނުން ވަނީ އެ ޤައުމުގެ އިޤްޠިޞާދު ވަރުގަދަކުރުމަށްޓަކައި 2 އިންސައްތައަށް އިންފްލޭޝަން ރޭޓް ދަށްކުރުމަށް ވަރަށް ގިނަދުވަހު މަސައްކަތްކޮށްފައެވެ. އިންފްލޭޝަން މާބޮޑަށް މަތިނުވެ ހިފެހެއްޓިފައި ހުރީ ސްޓިމިއުލަސް ޕެކޭޖްތަކާއި މަނިޓަރީ އީޒިންގ ޕެކޭޖްތައް ދިނުމުގެ ސަބަބުންނެވެ.

އެހެންނަމަވެސް، ދޮޅު އަހަރެއްހާ ދުވަހަށްފަހު، ފުރަތަމަ ފަހަރަށް ޖަޕާނުގައިވެސް މުދާ ވިއްކާ އަގު އުފުލެންފަށާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައި ވެވެ. ނަމަވެސް، ޖަޕާނުގެ އިގްތިސާދު ނެގެހެއްޓުމަށް އެގައުމުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އަދިވެސް ޖަޕާނުގައި ޚިދުމަތާއި މުދަލުގެ އަގުތައް ހިފެއްޓޭނެކަމަށް އެގައުމުގެ ސަރުކާރުން ލަފާކުރެއެވެ.

 

ރާއްޖޭގެ އިގުތިސާދު

ދުނިޔޭގެ ގައުމުތަކާ އަޅާބަލާއިރު، ކޯވިޑް19ގެ ސަބަބުން، އިގްތިސާދަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރި އެއްގައުމަކަށް ރާއްޖެ ވެގެންދާނެއެވެ. ސަބަބަކީ، ދިވެހި އިގްތިސާދުގެ ކުޑަކަމާއި، އަދި އަމިއްލަ ގައުމުގައި އުފެއްދުންތެރިކަމުގެ ވަސީލަތްތައް މަދުވެފައި، ހަމަ އެކަނި އެންމެ ދެތިން ސިނާއަތެއްގެ މައްޗަށް ދިވެހި އިގްތިސާދު ބަރޯސާވެފައި އޮންނަ އޮތުމުގެ ސަބަބުންނެވެ.

އެތައް ޒަމާނެއްވަންދެން، ދިވެހި އިގްތިސާދުގެ މައި ނާރެހެއްގެ ގޮތުގައި މިއޮތީ ފަތުރުވެރި ކަމުގެ ސިނާއަތެވެ. ދެން މަސްވެރިކަމުގެ ސިނާއަތެވެ. ވަޒީފާއާއި، އަދި ލިބޭ އާމްދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި އޮތް، މިނޫން ވަރުގަދަ އެހެން ސިނާއަތްތަކެއް ނެތެވެ.

ތެދުފުޅެކެވެ. ދަނޑުވެރިކަމުގެ ސިނާއަތާއި، އިމާރާތްކުރުމުގެ ސިނާއަތާއި މިހެންގޮސް ނަމުން ބުނެލެވެން ހުރި، ވިޔަފާރިއާއި ގުޅުންހުރި އެހެނިހެން ސިނާއަތްތައް ދިވެހި އިގުތިސާދުގެ ތެރޭގައި އެބަހުއްޓެވެ. އެހެންނަމަވެސް، ދެމެހެއްޓެނި ގޮތެއްގައި، އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ އިގްތިސާދީ ވިލުންވެރިކަމެއް މި ސިނާއަތްތަކުން އިގްތިސާދުގެ ތެރެއަށް އަދިވެސް ގެނެވިފައެއް ނުވެއެވެ. އަދި މި ސިނާއަތްތައް ތަރައްގީކޮށް ދަމަހައްޓާ ނެގެހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއްވެސް ކުރެވިފައެއް ނުވެއެވެ.

އެހެންކަމުން، ދުނިޔޭގެ ދަތުރުފަތުރު ކުރުމާއި، އަދި މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، ކޯވިޑް19ގެ ސަބަބުން ކުރިމަތިވި ދަތިތަކުގެ އަސަރު ދިވެހި އިގްތިސާދަށް ކޮށްފައިވަނީ ވަރަށްވެސް ބޮޑަށެވެ.

މަޖިލީހަށް، 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ކޯވިޑް19 ކާރިސާއިން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކުވެސް، 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު، %29.3 އިން ކުޑަވެފައި ވާކަމުގައެވެ. މިއީ މީގެކުރިން ދުވަހަކުވެސް ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާ މިންވަރެއް ނޫނެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު، އިގްތިސާދީގޮތުން އެންމެބޮޑަށް އަސަރުކޮށްފައިވާ ގައުމަކީ ރާއްޖެ

އިގްތިސާދީ މިބޮޑު ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ރަމްޒު ކޮށްދީ، ރާއްޖޭ ޖީޑީޕީ ބޮޑު ބައެއް ސީދާ ގޮތުންނާއި ނުސީދާގޮތުން ހިއްސާކުރާ، ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. މިގޮތުން ޖުމްލަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު 2020 ވަނަ އަހަރު ނިމުނުއިރު %68 ދަށަށް ގޮސްފައި ވެއެވެ.

ހަމަ އެއާއެކު، ކޯވިޑް19ގެ އިގްތިސާދީ ބޮޑު ގޮންޖެހުމާއެކު، ފަތުރުވެރިކަމާ މަސްވެރިކަމުގެ ސިނާއަތަށްފަހު، ދެން އެންމެ ބޮޑު ސިނާއަތެއްގެ ގޮތުގައި އޮތް، އިމާރާތްކުރުމުގެ ސިނާއަތު، %11 2020 ވަނަ އަހަރު ނިމިގެން ދިޔައިރު ދަށަށް ގޮސްފައި ވެއެވެ.

އެހެންކަމުން، މި ހުރިހާ ހިސާބުތަކަށް ބަލާއިރުވެސް، ރާއްޖޭގެ އިގްތިސާދު އަދިވެސް އޮތީ، ވަޅުޖެހުމެއްގެ ތެރޭގައި ކަމަށް ދަންނަވަން ޖެހެއެވެ. އަދި އިގުތިސާދީ މި ވަޅުޖެހުމުގެ އަސަރު އެންމެ ބޮޑަށް މިއަދު ފެންނަމުންދަނީ، ގައުމުގެ ވިޔަފާރިވެރިންގެ އުދާސްތަކުންނެވެ. ޑޮލަރުގެ އަގު މިއިން ޒަމާނަކު އުފުލިގެން ގޮސްފައި ނުވާ މިންވަރަށް އުފުލި، ތަކެތީގެ އަގު "ރޮކެޓް ސްޕީޑު"ގައި މަތިވަމުންދާ ދިއުމުންނެވެ.

 

ޑޮލަރުގެ އަގު ހިފަހައްޓަން ހަރުދަނާ ފިޔަވަޅުތަކެއް ބޭނުން

ކޯވިޑް19އާއި ހަގުރާމަ ކުރަމުންދާތާ ދޮޅު އަހަރު ފާއިތުވެގެން ދާއިރު، ދިވެހި އިގްތިސާދުގެ ތެރެއިން ފެންނާން އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، ޑޮލަރުގެ އަގަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކެވެ.

ވިޔަފާރީގެ މާރކެޓްގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރުވަނީ 19 ރުފިޔާއާއި ގާތް ކޮށްފައެވެ. އަދި މިމިންވަރަށް ޑޮލަރުގެ އަގު އުފުލި، އެއްވަރެއްގައި ހިފެއްޓިފައި އޮންނަތާ 2 މަހެއްހާ ދުވަސް ފާއިތުވެގެން ދިޔައީއެވެ. އެހެންނަަމެވެސް ސަރުކާރުގެ އިދާރާތަކުން މިވާހަކަ ދައްކާ އަޑެއް، އަދި ޑޮލަރުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އަޅާނެ ފިޔަވަޅުތަކެއްގެ ވާހަކައިގެ އަޑެއް ބަޑެއް ނީވެއެވެ.

އިގްތިސާދީ ނަޒަރުން ބަލާއިރު، ޑޮލަރުގެ އަގު އޭގެ އިންތިހާއަށް އުފުލިގެން ދިއުމުން، ތަކެތީގެ އަގު އެނިސްބަތުން އުފުލެއެވެ. އިންފްލޭޝަނަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ސަބަބަކީ، ވިޔަފާރިވެރިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އިތުރަށް ކުރާ ހޭދާ ހަމަ އެނިސްބަތުން އުފުލުމަށް ވިޔަފާރަވެރިންނަށް މަޖުބޫރުވެގެން ދާނެތީއެވެ.

އޭގެ ނަތީޖާއަކަށް ވެގެންދާނީ، މުސާރަ ބޮޑު ވުމެއްނެތި، އަދި އަމުދުން، ގިނަ މުވައްޒިފުންގެ މުސާރަތަށް އެތައް ތަނަކުން ކުޑަވެގެން ގޮސްފައިވާއިރު، ކުރަންޖެހޭ ހޭދަ އިތުރުވެގެން ދިއުމުން، ނިކަމެތިކަން އަންނާނީ، ޖީބުން ޚަރަދު ކުރަން ހުންނަ އާންމު ރައްޔިތު މީހާއަށް ކަމަށް ވެގެންދާ ކަމެވެ.

ޑޮލަރުގެ ކަޅު ބާޒާރަކީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް

އެހެންކަމުން، އިގްސާދުގެ ވިލުންވެރިކަން ހިފެއްޓުމަށް، ސްޓިމިއުލަސް ޕެކޭޖްތަކެއް ތައާރަފްކުރި ކަމުގައި ވިނަމަވެސް، އަދި ލޯނު ދެއްކުން ލަސްކޮށް ދިނުމާއި، ކަރަންޓު ބިލާއި ފެންބިލަަށް ހެޔޮ ބަދަލުތަކެއް އައި ކަމުގައިވި ނަމަވެސް، ޑޮލަރުގެ އަގަށް މިއައި ނުރަގަޅު ބަދަލުގެ ނުސީދާ އަސަރު ރައްޔިތު މީހާގެ ޖީބަށް ކުރަމުންދާހާ ހިދަކުން، ހާލަތަށް ބަދަލެއް ނާންނާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެެވެ.

އަދި މިހާލަތުގައި، ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއ ނައިސް، ޑޮލަރުގެ އަގު ތިރިކުރާނެ ސިޔާސަތެއް ސަރުކާރުން ކުރިޔަށް ނުނެރެ، ފިނޭންސް މިނިސްޓަރު މިވާހަކަ ނުދައްކާ ހުންނެވުމުން، ހާލަތު ގޯހުން ގޯހަށް ދިއުން ނޫން އިތުރު ހައްލެއް އަދި ފެންނާކަށްވެސް ނެތެވެ.

 

ހައްލު

ކޯވިޑް19ގެ މި ބޮޑު ގޮންޖެހުމުގެ ތެރޭގައި، ބަޖެޓުން ކުރަންޖެހޭ ހޭދަ ބޮޑުވެ، ސަރުކާރުން ދަނީ، ބޭރު ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުމަށް ދުނިޔޭގެ އެތައްމިތަނުގައި އަތް ފުނާ އަޅަމުންނެވެ. ހިލޭއެހީއާއި، ލޯނުތަކާއި، އަދި ދައުލަތުގެ އަގުބޮޑު މުދާ މޯގޭޖް ކޮށްގެންވެސް، އިގުތިސާދު ދެކޮޅު ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް، އިގްތިސާދީގޮތުން ގޮންޖެހުން ބޮޑު މިދަޑިވަޅުގައި، ބޭރުގައުމުތަކާ، ޖަމިއްޔާ ޖަމާއަތްތަކުން އެހީ ހޯދުމަށް އެކަނި ކުރެވޭ މަސައްކަތްތަކުން ފަރުޖައްސާލެވޭނެ ތޯ، މިއީ މިއަދު ގިނަބަޔަކު ކުރަމުންދާ ސުވާލެކެވެ.

ގައުމުގެ އިގްތިސާދުގައިވާ، ދެކޮޅު ޖައްސާ ހައްލު ހޯދަންޖެހިގައިވާ އެންމެ ބޮޑު މައްސަލައަކީ ޑޮލަރުގެ އަގަށް އަންނަމުންދާ ނުރަގަޅު ބަދަލުތަކެވެ. މި މައްސަލާއިގެ ހައްލު ހޯދުމަށް އަޅުއްވަން ޖެހެނީވެސް ދެމެހެއްޓިނިވި ހަރުދަނާ ފިޔަވަޅުތަކެވެ.

މިގޮތުން އެންމެ ބޮޑު ބަދަލެއް މިއަދު އަންނަން ޖެހެނީ، ރާއްޖޭގައި ކުރެވެމުންދާ ޑޮލަރުގެ ވިޔަފާރިތަކަށެވެ. ނައްތާލަން ޖެހެނީ އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރެވެ.

މިގޮތުން، ސަރުކާރުން މިއަދު ހަގީގަތުގައިވެސް އެންމެ ބޮޑަށް ފާރަވެރިވާން ޖެހެނީ، ރާއްޖެއަށް ޑޮލަރު އެތެރެވާ މައި ދޮރާށިތަކަށެވެ. ޑޮމެސްޓިކް މާރކެޓްތަކުގައި ޑޮލަރުން ވިޔަފާރި ކުރުން ހުއްޓުވެ އެބަޖެހެއެވެ. މިއީ ދުނިޔޭގައި ތިލަފަތް ހަމަކޮށް ހިގަހިގާ އޮތް އެއްވެސް އިގްތިސާދެއްގައި މިއުސޫލުން ކުރެވެމުންދާ ވިޔަފާރިއެއް ނޫނެވެ.

ޑޮލަރަކީ ދޮލަގަކަށް ލައިގެން، ގަންނާނެބާ ޖަހައިގެން، ދުނިޔޭގެ އެއްވެސް ގައުމެއްގައި ވިއްކުމަށް ބާޒާރަށް ނުކުތުމުގެ ހުއްދަ އޮތް ވިޔަފާީގެ މުދަލެއް ނޫނެވެ.

ފަތުރުވެރިން އެއަރޕޯޓަށް ވަންނަ ހިސާބުން، ޚަރަދު ކުރަން ހުންނަ ޑޮލަރުކޮޅު މާރުކޮށް ދިވެހި ފައިސާއަށް ބަަދަލުވާން އެބަޖެހެއެވެ. ޑޮލަރުން، ޚިދުމަތަށް އަގު ދެއްކުމާއި، މުދާގަތުމާއި، ދޭދެ ފަރުދުންނަށް ޑޮލަރުން ވިޔަފާރި ކުރުމުގެ މަގު ބަންދުވާން އެބަޖެހެއެވެ.

ޑޮލަރުގެ އަގު އުފުލުމެުންދާ މައްސަލައެއް ހައްލެއް ހޯދާނޭ ހަރުދަނާ ސިޔާސަތެއް މިހާތަނަށް ސަރުކާރުން ހާމަކުރައްވާފައެއް ނުވޭ

ޑޮލަރަކީ ބޭންކުގެ ނިޒާމުގެ ތެރޭގައި ދައުރުވާ އެއްޗަކަށް ހަދަން އެބަޖެހެއެވެ.

ހަމަ އެއާއެކު، ވިޔަފާރިއަކީ، ދިވެހިރާއްޖޭގައިވެސް ދިވެހި ރުފިޔާއިން ކުރެވޭ ކަމަކަށް ހަދަން ޖެހެއެވެ. ދިވެހި ރުފިޔާގެ އަގު ހިފެހެއްޓޭނެ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް އިގްތިސާދީ ވަޒީރު ދައްކަވަން އެބަޖެހެއެވެ.

ވިޔަފާރީގެ ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކަށް އެމަގު ބަންދު ވާން އެބަޖެހެއެވެ. މުޅި ގައުމު އިގްތިސާދީ ފުން ވަޅުގަޑަކަށް ވެއްޓި، ވިޔަފާރަވެރިންނާއި ރައްޔިތުން ހަނާވަމުން ދާއިރު، ސިޔާސަތެއް ކުރިޔަށް ނުނެރުއްވާ، ހަދާނެ ގޮތް ހުސްވެ، ހަތަރު އަގޮޅިއެއްގެ ކަންމަތީގައި ހުއްޓިފައި އޮތް ގައުމަކަށް ދިވެހިރާއްޖެ ވެގެން ނުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *