ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައާ ދެކޮޅަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާތައް ނަގައި ދައުވާތައް ނުކުރުމަށް އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް އެދިއްޖެއެވެ.
އަސްރާއަށް އީސަ އަނިޔާކުރި ކަމަށް ތުހުމަތުކުރި މައްސަލަ ޕީޖީން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައި އަންނަ ހޯމަ ދުވަހު ޝަރީއަތް ކުރިއަށް ގެންދަން އޮތީ ޝެޑިއުލްކޮށްފައެވެ. އަސްރާވަނީ މިމައްސަލާގައި ޕީޖީ އޮފީހަށްވެސް ސިޓީއަކުން މިމައްސަލަ ކުރިއަށް ނުގެންދެވުމަށް ދަންނަވާފައެވެ. އަސްރާގެ ސިޓީގައި އޭނާ އެދިފައިވަނީ މައްސަލާގައި އީސައަށް ހުކުމެއް އައުމަކީ އިންސާފުވެރި ކަމެއްކަމަށް ނުދެކޭކަމަށް ބުނެފައެވެ.
އަދި އޭނާ ފުލުހުންނަށް މައްސަލަ ހުށަހަޅައި، އޭރު މައްސަލަ ކުރިއަށް ގެންދިޔައީ ޖަޒުބާތުގައިކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ ދީފައިވާ ބަޔާނަކީ ޞައްހަ ބަޔާނެއް ނޫންކަމަށްވެސް އަސްރާ ޕީޖީ އޮފީހަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ޕީޖީ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައިނުވެއެވެ.
އީސަގެ މައްޗަށް އުފުލާފައިވަނީ، ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާ ކަމަށެވެ. އީސަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ފެށުމަށް ތަޢާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.
އީސަގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް އަންނާނީ ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތެއްގެ ޖަލު ހުކުމެކެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ އެވެ. އެހެންކަމުން މި ދައުވާ އީސަގެ މައްޗަށް ސާބިތުވި ނަމަވެސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެއެވެ. އީސަގެ މައްޗަށް ފުލުހުން ތަހުގީގު ހިންގާފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް ވައްޓާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ތުހުމަތުކުރި މައްސަލައެއްގަ އެވެ.
ނަމަވެސް އަސްރާ ފުލުހަށް ހުށަހެޅި މި މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ ފުލުހުންގެ ކިބައި ފަހުން ވަނީ އެދިފަ އެވެ. ނަމަވެސް ފުލުހުން ބުނީ މިމައްސަލަ އަކީ ފުލުހުން ތަހުގީގް ކުރަމުންދާ ޖިނާއީ މައްސަލައަކަށް ވުމުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށާއި އެއްވެސް މީހަކު އެދިގެން ޖިނާއީ މައްސަލެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ.
އީސަގެ މައްޗަށް ކުރެވޭ ގެވެށިއަނީޔާގެ ތުހުމަތުތަކަށް އިންކާރުކުރައްވައި އެތުހުމަތުތަށް އޭނާ ވަނީ ދޮގުކުރައްވާފައެވެ. މިމައްސަލާގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށްވެސް ފުލުހުންގެ އެދުމުގެ މަތީން ޕީޖީން ކޯޓުގައި މީގެ ކުރިން އެދިފައިވެއެވެ. ނަމަވެސް ކޯޓު އަމުރުދީފައި ނުވެއެވެ.
މި މައްސަލަ ފެންމަތިވުމާއެކު އީސަ ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރަން ހުށަހެޅުމުން އަމިއްލަފުޅަށް އިސްތިއުފާ ދީފައެވެ. މީގެ އިތުރުން އެމްޑީޕީގެ އެކިއެކި މަގާމުތަކުންވެސް އީސަ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ