ގުޅީފަޅު މަޝްވަރާތައް ރައީސް ވިދާޅުވިގޮތަށް ނުދާތީ މުއިއްޒު ކަންބޮޑުވުންފާޅު ކުރައްވައިފި

ގުޅީފަޅު މަޝްވަރާތައް ރައީސް ވިދާޅުވިގޮތަށް ނުދާތީ މުއިއްޒު ކަންބޮޑުވުންފާޅު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2021 10:16
0

މާލެ ސިޓީގެ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ގުޅީފަޅު ބޯހިޔާވަހިކަމަށް ޚާއްޞަ ތަނަކަށް ހެދުމަށްޓަކައި ކަމާިއބެހޭ ފަރާތްތަކާއިއެކު ކުރަންޖެހޭ މަޝްވަރާތައް ކުރުމަށްޓަކައި މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެވޭތީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ގުޅީފަޅަކީ މާލެ ސިޓީގެ ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް އޮތް ތަނަވަސް ތަނުގެ ގޮތުގައި މާލެ ސިޓީގެ ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ނަމަވެސް މިސަރުކާރުން ނިންމާފައިވަނީ އެތަނުގައި ޕޯޓެއް އެޅުމަށެވެ. މުޢިއްޒުގެ އެދިވަޑައިގަތުމަކީ މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމެވެ. އަދި އެމަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ގުޅީފަޅުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ދަނީ މޭޔަރުގެ މަޤާމާއި ހަވާލުވިފަހުން ގިނަ މަސައްކަތްތަކެއް ކުރަނުންނެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއިއެކު ބޭއްވުނު ބައްދަލުވުމުގައި މުއިއްޒު ވަނީ ގުޅީފަޅަކީ ބޯހިޔާވަހިކަމަށް އެކަނި ޚާއްޞަ ތަނަކަށް ހެދުމަށާއި، އެތަނުގައި ޕޯޓް އެޅުމަށް ކޮށްފައިވާ ޕްލޭނަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައެވެ. މުޢިއްޒު ވިދާޅުވީ، ރައީސްއާއި ކުރެވުނު މަޝްވަރާތަކުގައި އެންމެ ބޮޑަށް އެދިވަޑައިގަތީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި ގުޅޭގޮތުންކަމަށެވެ. އެކަމަށް މާލެއާއި އެންމެ ކައިރިން ގުޅިފަޅު ޚާއްޞާކޮށް، އެތަނުން ގޯތި ދޫކުރުން ނުވަތަ ފްލެޓް ދިނުމަށާއި، އެއީ މާލޭގެ ރައްޔިތުން އެދޭގޮތްކަމަށް ދެންނެވިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިބައްދަލުވުމުގައި ގުޅީފަޅުގެ މަޝްރޫޢާއި ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާތައް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޞާލިހުއާއި މުއިއްޒު ބައްދަލުކުރިތާ ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ވެގެންދާއިރުވެސް މިކަމުގެ އެއްވެސް އިޝާރާތެއް ސަރުކާރުން ނުވާތީ މުއިއްޒުވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މާލޭގެ ރައްޔިތުން އެދޭގޮތަށް، ގެދޮރުގެ މަންޒިލަކަށް، ގުޅީފަޅު ހެދުމަށްޓަކައި ރައްޔިޔުން އެދޭ ގިތަށް ގުޅީފަޅުގެ ޕްލޭން ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލާއި ކަމާއިބެހޭ ފަރާތްތަކާއިއެކު މަޝްވަރާތައް ފައްޓަވަނާނެކަމަށް ވިދާޅުވިތާ 3 ހަފްތާ ވެފައިވާއިރު އެކަން ނުފެށޭތީ ހިތާމަކުރަން.

– މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޞާލިހު އާއިއެކު ބޭއްވުނު ބައްދަލުވުމަށްފަހު މޭޔަރު މުއިއްޒު ވިދާޅުވެފައިވަނީ ގުޅީފަޅުގެ ފައިނަލް ޕްލޭނަށް ބަދަލު ގެނައުމަށް މަޝްވަރާކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ދަންނަވާނެކަމަށާއި، އެގޮތަށް މަސައްކަތްކުރައްވާއިރު މާލެ ސިޓީ ކައުންސިލްވެސް ބައިވެރކޮށް އެކަންކަމށް ރިޔާއަތްކުރައްވާނެކަމަށް ރައީސް ދެންނެވިކަމަށް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މުޢިއްޒު ވިދާޅުވީ ގުޅީފަޅުން ފަސް ހާހެއްހާ ގޯތި ދޫކުރެވޭނެކަމަށެވެ. އެހެންކަމުން ގުޅީފަޅަކީ ގެދޮރުވެރިިކަމުގެ މަންޒިލަކަށް ބަދަލުކޮށް ތިލަފުށި ޕޯޓަށް ބަދަލުވާނެކަމުގެ އުއްމީދު އެބައޮތްކަމަށް މުޢިއްޒު ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.