އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވިފަހުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދާއި ހަމަޔަށް 35 ޤައުމަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވަފައިފިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ޢާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އދގެ މެމްބަރު ޤައުމުތަކާއެކު މަތީފަންތީގައި މަޝްވަރާތަކާއި ބައްދަލުވުންތައް ބާއްވަވަން ވައުދުވެވަޑައިގެންނެވިކަމަށާއި، އެވަޢުދާ އެއްގޮތަށް މިހާތަނަށް 35 ޤައުމަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވައި، އެމަނިކުފާނު ހުށަހެޅުއްވި "އުއްމީދުގެ ރިޔާސަތު" ކުރިއަށްގެންދާނެ ގޮތަކާއި އަދި އާއްމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވިއިރު މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އެކި ލެވެލްގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.
އިއްޔެ މިނިސްޓަރ ޝާހިދު ވަނީ އދގެ މެމްބަރު ޤައުމުތަކުގެ ހަތަރުބައިކުޅަ އެއް ބައި ހިއްސާކުރާ އެފްރިކާ ސަރަހައްދުގެ، ސަރަހައްދީ ޖަމްއިއްޔާ އެފްރިކަން ޔޫނިއަން އިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފާތިމާ މުހައްމަދު އާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުﷲ އަލްމުޢައްލިމީ ވަނީ މިނިސްޓަރ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނުގެ ޝަރަފުގައި ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އާމިނާ މުހައްމަދް ވެސް ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ