އެމްޑީޕީގެ ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި ވައުދުތައް ތަންފީޒުނުވުމާއި ގުޅިގެން މިއަދު މިޖެހެނީ އަލުން އަނެއްކާވެސް ތާހިރު ދިރިއުޅުމަކުން ފަށަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެންމެ ބޮޑަށް އަޑުއުފުލައި ވަކާލާތު ކުރަމުންދާ ވައްޑެ ވިދާޅުވީ ތާހިރު ދިރިއުޅުމަށް އައުމަށް އެމްޑީޕީން ފެށި ދަތުރު ހާސިލް ނުވިކަމަށެވެ. މިއަދުމިވަނީ އަނެއްކާވެސް އެތާހިރު ދިރިއުޅުން ހޯދުމަށް އަލުން ބަލުން މަސައްކަތް ފަށަން ޖެހިފައިކަމަށެވެ.
އަލުން މިއޮތީ ‘ތާހިރު ދިރިއުޅުމަކުން’ ފަށަން ޖެހިފައި.
— Waddey (@waddey_) June 11, 2021
އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވުން ބޮޑުވެ ޕާޓީ ދެބައި ވެފައިވާކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްވެސް ވަނީ ވިދާޅުވެފައެއެވެ. މިހެން މިކަން ވާންޖެހުނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެއްފަރާތްކޮށް ވަކި ގޮތަކަށް ކަންކަން ކުރުމަށް މަސައްކަތް ކުރުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއަށްފަހު މިހާތަނަށް މައްސަލަ ބެލުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
އަދި މިމައްސަލާގައި ސަރުކާރުގެ އިސްބައެއް ވެރިންނާއި، ސަލާމަތީ ޚިދުމަތްތަކުގެ ބޮޑެތި އިހުލާލުތަކެއް ހުރިކަމަށް އެމްޑީޕީ މެމްބަރުން ދަނީ ތުހުމަތު ކުރަމުންނެވެ. މިމައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދާއި ދެމެދުވެސް ދަނީ ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން ޚުދު ރައީސް ޞާލިހު މަޖިލީހުގައި ކުރިއަށް ގެންދާ އިންކުއަރީއަށް ހުރަސް އަޅުއްވަމުންދާކަމަށެވެ. ނަމަވެސް ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެމަނިކުފާނު މަޖިލީހުގެ މަސައްކަތަށް ހުރަސް ނާޅުއްވާނެކަން އެންމެ ބޮޑަށް އެނގޭނީވެސް ރައީސް ނަޝީދަށް ކަމަށެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން މިހާތަނަށް ހާމަކޮށްފައިވަނީ ހައްޔަރު ކުރެވުނު މީހުންގެ ތަފްސީލްތައް އެކަންޏެވެ. އަދި މިހާތަނަށް މައްސަލައިގެ އެންމެ ފުނަށް ދިއުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތުތަކެއް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ