މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ކުރީގެ ރައީސް އަދި ރައްޔިތުން މަޖލީހުގެ ރަޢީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ޖަލުތަކުގައި އޮޕަރޭޝަނެއް ފަށައިފިއެވެ.
ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ މާފުށީ ޖަލުގައި ހިންގާ އޮޕަރޭޝަނަކީ މިދިޔަ މަހުގެ 6 ވަނަދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަންގައި ފުލުހުންނާއި ސިފައިންގެ އިތުރުން ކަރެކްޝަނުންވެސް ބައިވެރިވަމުން އަންނަކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއެވެ. ރޭ ފަތިހު 05:00 އިން ފެށިގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަނާއި ގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރައްވާއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އައްޑޫ ސިޓީއާއި މާލޭ ސަރަހައްދުން ބައެއް މީހުންވަނީ ހައްޔަރުކޮށްފައެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ތަހުޤީޤާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުން ހުރި މީހަކު ހިމެނޭކަމަށެވެ. އެހެންނަމަވެސް އެމީހާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ސީދާ ގުޅުންހުރި 4 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވަނީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.
ކޮމެންޓު ފޮނުވާ