ހަމަލާގެ ތަހުގީގުކުރާ އިދާރާތަކަށް ފުރިހަމަ ވަގުތު ދިނުމަށް އަސްލަމް ގޮވާލައިފި

ހަމަލާގެ ތަހުގީގުކުރާ އިދާރާތަކަށް ފުރިހަމަ ވަގުތު ދިނުމަށް އަސްލަމް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2021 10:31
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދީ ވަގުތު ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

އަސްލަމް މިކަމަށް އެދިވަޑައިގެންނެވީ މައްސަލައިގެ ތަހްގީގު ކުރިއަށްދާ ގޮތް ބެލުމަށް އެމްޑީޕީން "މެއި-06″ ނަމުގައި ކޮމެޓީއެއް އުފައްދަން ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ރޭ ބަހުސް ކުރައްވަމުންނެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީ ކުރިޔަށްގެންދާ 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން މިކަމުގައި އެއްޗެއް ވިދާޅުވާން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން މިކަމުގައި ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީ އާ ގުޅިގެން މައުލޫމާތު އާންމުކުރަމުންދަނީ ކޮމިޓީން ނިންމާފައިވާ އުސޫލެއްގެ ތެރެއިން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ކޮމިޓީން ދެ ފަހަރެއްގެ މަތިން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމަލާގެ ތަހުގީގަށް ވަގުތު ދިނުމަށާއި އެއްބާރުލުން ދިނުމަށް އަސްލަމް އެދިވަޑައިގެންފައި މިވަނީ ތަހުގީގު ކުރިއަށްދާލެއް ލަސްކަމާއި ހަމަލާ އަށް ފަންޑް ކުރި މީހުން ހޯދިފައި ނުވާ ކަމަށް ބުނެ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވެސް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދާ ވަގުތެއްގަ އެވެ. ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ގިނަ މެންބަރުން ތަކެއް ވަނީ ތަހުގީގު ކުރިއަށްދާލެއް ލަސްކަން ފާހަގަ ކޮށްފަ އެވެ.

އަސްލަމް ވިދާޅުވީ މިހަމަލާ އަމާޒުވެފައިވަނީ އެމްޑީޕީގެ ރައީސަށް ކަމަށްވީނަމަވެސް މިއީ ގައުމީ މައްސަލައެއް ކަމަށެވެ. އަދި މިއީ މި ގައުމުގެ ނޭޝަނަލް ސެކިޔުރިޓީއާ ވެސް ގުޅިފައިވާ މައްސަލައެއްކަމަށް އަސްލަމް ވިދާޅުވިއެވެ. މި މައްސަލަ ބަލައި މިކަންކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ އިންކުއަރީގެ މައުލޫމާތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އޭނާއަށް ހާމަ ކުރެވޭނީ ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އެގޮތުން އިންކުއަރީއާ ގުޅިގެން މިހާތަނަށް ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަން ދެ ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ހިނގަމުންދާ ތަހުގީގެއްގެ މައުލޫމާތު ހިފަހައްޓަން ޖެހޭ މިންގަނޑެއް އޮންނާނެ ކަމަށާއި އެކަން އެމްޑީޕީގެ މެންބަރުން ގަބޫލު ކުރައްވަން ޖެހޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.