މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާގައި ޒަހަމްވެފައިވާ އެންމެނަށް ދިވެހި ދައުލަތުން ފަރުވާކޮށްދޭންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާގައި ބޮޑެތި ޒަހަމްތަކެއް ލިބުނު މީހަކަށް ސަރުކާރުގެ އެއްވެސް އަޅާލުމެއް ނުލިބޭކަމަށް އަނިޔާލިބުނު މީހަކު ވަނީ ބުނެފައެވެ. އެކި އިދާރާތަކާއި، ކަމާއި ގުޅުންހުރި ފަރާތްތަކަށް ދަންނަވައިގެންވެސް މިހާތަނަށް ބޮމުގެ ހަމަލާގައި އަނިޔާ ލިބުނު މީހަކަށް ވަނީ އެއްވެސް އިޖާބައެއް ނުދީއެވެ. މިކަމާއި ގުޅިގެން އިއްޔެ ބައެއް މީޑިއާ ތަކުގައި އެމީހާގެ އިންޓަރވިއުއާއިއެކު ޚަބަރުތައްވެސް ވަނީ ގެނެސްދީފައެވެ.
މިކަމާއި ގުޅިގެން އަލްހާން ވިދާޅުވީ މިހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުވި ހަމަލާއެއް ހަމަވެސް ހަމަލާގައި ޒަހަމްވި އެންމެންނަކީ ދައުލަތުން އެމީހުންނަށް ބޭސްފަރުވާގެ ކަންކަން ކަށަވަރު ކޮށްދޭންޖެހޭ މީހުންކަމަށެވެ. މިކަމުގައި ރައީސް ނަޝީދަށްވެސް އަދި އެނޫން މީހުންނަށްވެސް ދައުލަތުން ފަރުވާ ކޮށްދޭންޖެހޭކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
6 މެއި ޓެރެރިސްޓް ހަމަލާގައި ޒަޚަމްވި މަޖްލިސް ރައީސް މުހައްމަދު ނަޝީދު ނޫން މީހުންނަށް ލިބުނު ޒަޚަމްތަކަށް ދައުލަތުން ފަރުވާކޮށްދޭންޖެހޭނެކަމަށް ދެކެން. ދީނުގެ ނަމުގައި ބޮން ގޮއްވާ މީހުންނަށް ބުނެލަން އޮތީ ދީނަކީ މިހާ އަނިޔާވެރި ރަޙުމް ކުޑަ ދީނެއް ނޫންކަން ދަންނާށޭ!
– އަލްހާން ވިދާޅުވިއެވެ.
މަޖީދީމަގުން، ގ. ކެނެރީގެ ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ގޮއްވާލި ބޮމުގައި ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިދިޔަ މަހު އެ މަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ވެސް ބުނީ ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ހުރި ރޭޒާ ފުއްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް އެ މަނިކުފާނުގެ ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ.
ކޮމެންޓު ފޮނުވާ