މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ސާފު އައުމަލަބިއްޔަތު އެމްޑީޕީއަށް ހޯދައި ދެއްވުމުގެ މޭސްތިރިއަކީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީޖުގެ އިންތިޚާބު ތަފާތު ބޮޑުކޮށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކާމިޔާބު ކޮށްފައިވަނީ ވަކި މީހެއްގެ އެކަނި މަސައްކަތަކުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. މަލީހު ވިދާޅުވީ ކޯލިޝަން ތެރޭގައިއޮތް އެގްރިމަންޓާއި ޚިލާފްވެގެން ނަމަވެސް އަދި ބޮޑު ރިސްކެއް ނަގައިގެންވެސް އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައި ދެއްވީ ރައީސް ނަޝީދުކަމަށެވެ. އެކަމަކީ އޮޅުވާލެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ މަލީހު ވަނީ ރައީސްގެ ވާހަތަކަށް ރައްދު ދެއްވާފައެވެ.
އެމްޑީޕީއަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބުމުގެ މޭސްތިރިއަކީ ރައީސް ނަޝީދު. ހުރިހާ ކްރެޑިޓެއް ހައްޤުވަނީ ރައީސް ނަޝީދަށް. ކޯލިޝަން އެގްރީމަންޓާއި ޚިލާފަށް ނަމަވެސް ރިސްކް ނަންގަވައިގެން އެކަމަށް ބާރު އެޅުއްވީ އެމަނިކުފާނުކަން ލިޔެކިޔުންތަކުން ސާބިތުވޭ. ހަޤީޤަތް އޮޅުވާ ނުލެވޭނެ.
– މަލީހު ވިދާޅުވިއެވެ.
ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައިވެސް އެއްޕާޓީއަކަށް މިހާގިނަ ގޮޑި ލިބުނު ފަހަރެވެ. މިފަހަރުގެ އިންތިޚާބަށްފަހު މަޖިލިސް ތެރެއިން ބައެއް ކަންކަން ނިމުމުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ފެކްޝަނެއް އޮތްކަމަށް އެތައްބަޔަކު ދިޔައީ ވާހަކަ ދައްކަމުންނެވެ. މިކަން އެންމެ ބޮޑަށް ސާފުވެގެން ގޮސްފައިވަނީ ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު މަޖިލިސް ތެރެއިން ކުރެވޭ މަސައްކަތުގައި އެޕާޓީގެ މެމްބަރުން އެޕާޓީގެ މެމްބަރުންނަށް ހުރަސް އަޅައި، ދެއްވާ ރައްދުތަކާއި ދެކެވޭ ވާހަތަކުންނެވެ.
މިގޮތުން މަޖިލިސްގެ ގިނަ މެމްބަރުންނަކީ ރައީސް ނަޝީދުގެ ފޮޓޯ ބޭނުންކޮށްގެން އިންތިޚާބުވި މެމްބަރުންކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. މިވާހަތަކަށް ރައްދު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވިފައިވަނީ ވަކި މީހެއްގެ ފޮޓޯ ހިފައިގެން ނޫންކަމަށެވެ. އިންތިޚާބު އެހާބޮޑު އައުލަބިއްޔަތަކުން ކާމިޔާބު ވެފައިވަނީ ސަރުކާރާއި، އެމްޑީޕީގެ މެމްބަރުންނާއި، ހެޔޮ އެދޭ އެތައްބަޔަކު ކުރި މަސައްކަތުންކަމަށެވެ. ރައީސް ވަނީ ނުސީދާ ގޮތަކަށް ރައީސް ނަޝީދުގެ ވެރިކަމުގައި ހުންނެވިއިރު ބޭއްވި އިންތިޚާބާއި، އޭގެ ފަހުން ބޭއްވި އިންތިޚާބުތަކުގައިވެސް ބޮޑު ކާމިޔާބެއް ނުލިބި ވާކަން ފާހަގަކުރައްވާފައެވެ. އަދި ނިމިދިޔަ އިންތިޚާބުތަކާއި، މިއިންތިޚާބާ އަޅާކިޔުމަށް އެމަނިކުފާނު ވަނީ ރައީސް ނަޝީދުގެ ފޮޓޯ ބޭނުން ކޮށްގެން އިންތިޚާބުވިކަމަށް ދައްކާ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވާފައެވެ.
މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ. ދެން އެންމެ ގިނައިން ގޮނޑި ލިބުނު ޖުމްހޫރީ ޕާޓީއަށް ލިބުނީ 6 ގޮނޑިއެވެ. ފީޕީއެމް / ޕީއެންސީ ކޯލިޝަނަށް ލިބިފައިވަނީ 7 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި ހަ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރިއިރު އެމްޑީއޭއަށް ލިބުނީ ދެ ގޮނޑިއެވެ.
ކޮމެންޓު ފޮނުވާ