ޝާހިދަށް މަތީފެންވަރުގެ ރައްކާތެރިކަން ފޯރުކޮށްދިނުން މުހިންމު: މުހުތާޒު

ޝާހިދަށް މަތީފެންވަރުގެ ރައްކާތެރިކަން ފޯރުކޮށްދިނުން މުހިންމު: މުހުތާޒު

Author
މުޙައްމަދު ޝަޒައިމް
09 ޖޫން 2021 08:46
0

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ބޮޑު ތަފާތަކުން އިންތިޚާބުވެ ވަޑައިގެންނެވި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުން މަތީފެންވަރުގެ ސަލާމަތާއި ރައްކާތެރިކަން ދެއްވުމަކީ މުހިންމު ކަމެއްކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގެންފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެރޭ ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ. މި އިންތިޚާބުގައި މިނިސްޓަރ ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

މިފަދަ މަތީ މަޤާމަކަށް ޝާހިދު އިންތިޚާބު ވުމާއި ގުޅިގެން މުހުތާޒު ވިދާޅުވީ ދިވެހި ދައުލަތުން ޝާހިދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ. އަދި އެކަން ކުރުމުގައި އެންމެ މަތީފެންވަރުގެ ރައްކާތެރިކަން ދެއްވުމަކީ މުހިންމު ކަމެއްކަމަށް މުހުތާޒު ވިދާޅުވިއެވެ. މުހުތާޒު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާބޮޑުގެ ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށްވެސް ނުރައްކާތެރި ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ގައުމުގައި މިހާރު މިއޮތް ހާލަތަށް ބައްލަވާ އދ. ގެ އާންމު މަޖިލީހުހެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޚާރިޖީ ވަޒީރު އޮނަރަބަލް އަބްދުﷲ ޝާހިދު އަށް ދިވެހި ދައުލަތުގެ ފަރާތުން މަތީފެންވަރުގެ ސަލާމަތާއި ރައްކާތެރިކަން ދެއްވުމަކީ މުހިއްމުކަމެއް.

– މުހުތާޒު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމް. ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުން. އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދުން. ޢާންމު މަޖިލީހުގެ ރިޔާސަތުގެ ދައުރަކީ އެއް އަހަރު. މި މަޤާމަށް ހޮވިވަޑައިގެންނަވާ ބޭފުޅެއްގެ މަސައްކަތުގެ ތެރޭގައި އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުތައް ބެލެހެއްޓުމާއި ބަހުސްތަކުގައި މެމްބަރު ޤައުމުތަކަށް ވަގުތު ކަނޑައެޅުމާއި ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ރިޔާސަތައް ލިބޭނެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.