ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް

ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2021 09:02
0

ދިވެހިރާއްޖޭގެ ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާ އެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.

ދިވެހިރާއްޖޭގެ ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމްގެ މަސައްކަތް މިއަދު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ އާއި ހަވާލުކޮށްފައެވެ. މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ސެޓްފިކެޓް ލެވަލް 3 ގެ ފެންވަރުގައެވެ. މިކަމުގެ އެންމެބޮޑު ބޭނުމަކީ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭންގެ 3.1  ވަނަ ސްޓެރަޓަޖީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރު ނިމެންވާ އިރަށް ފެނާއި ނަރުދަމާ ނިޒާމްތައް ހިންގާ ބަލަހައްޓާ އޮޕަރޭޓަރުން ސެޓްފިކެޓް ލެވެލް 3 އަކަށް ތަމްރީނުވެފައި ތިބުމަށް ކަނޑައަޅާފައިވާ ލަނޑު ދަނޑިއަށް ވާސިލްވުމެވެ. މިމަސައްކަތަކީ ދިވެހި ސަރުކާރާއި  ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް)ގެ އެހީގެ ދަށުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއްކަމަށް އެންވާރުމަންޓް މިނިސްޓްރީން ބުނެއެވެ.

މިއެއްބަސްވުމުގެ ދަށުން ހއ. ހދ. ށ އަދި ޖީ.ސީ.އެފް ފަންޑުގެ ހިލޭ އެހީގައި ސަރުކާރުން ފެނުގެ ނިޒާމް ގާއިމްކުރެވޭ 4 ރަށުގެ (ހދ. ނޮޅިވަރަންފަރު، ށ.ފޯކައިދޫ، ރ.މަޑުއްވަރީ އަދި ބ.ދަރަވަންދޫ) ފެނާއި ނަރުދަމާގެ ޔުޓިލިޓީ ޚިދުމަތްދޭ ރަށްތަކުގެ ޔޫޓިލިޓީ ކުންފުނިތަކަށް އަމާޒުކޮށް މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

މި މަސައްކަތްކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާ ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 394,500.00 (ތިން ލައްކަ ނުވަދިހަ ހަތަރު ހާސް ފަސް ސަތޭކަ) ރުފިޔާއެވެ.

ރާއްޖޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނުކުރުވައި ވަކި ޓެކްނިކަލް ފެންވަރެއްގައި ބެހެއްޓުމަކީ ސަރުކާރުގެ އެއް އަމާޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.