ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ހަރުކަށިކޮށްފައިވާ ފިޔަވަޅުތައް އިތުރު 2 ހަފްތާއަށް ދެމެހެއްޓުމަށް ނިންމާފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ކޯވިޑް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި އަޅާފައި ވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދެމެހެއްޓުމަށްފަހު ކޯވިޑްގެ ހާލަތާއި ޕޮޒިޓިވްވާ އަދަދުތަކަށް ބެލުމަށްފަހު ލުއި ދެވޭނެ ގޮތަތައް ބަލާނެ ކަމަށެވެ. އަދި ދެވޭނެ ލުއިތަށް ބެލުމަށްފަހު ކޮންމެވެސް ވަރެއްގެ ލުއިތަކަކާއި އެކު ދެވަނަ ހަފްތާގައިވެސް، ހަރުކަށިކޮށްފައިވާ ފިޔަވަޅުތަކާއި އެކު ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު އަޅާފައިވާ ފިޔަވަޅުތައް އަދި 1 ހަފްތާއަށް ކުރިއަށްގެންދއުމަށްފަހު ހާލަތު ރަނގަޅުވާނަމަ ފިޔަވަޅުތަކަށް ލުއިދެވޭނެ. ނޫންނަމަ އަނެއްކާވެސް އިތުރު ހަފްތާއަކަށް އަޅުގަނޑުމެން ބަލާނަން"
– ރައީސުލްޖުމްހޫރިއްޔާ
މިދިޔަ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އެންމެ ނުރަކާ ދަރަޖައަކަށްދިޔަ މަސްކަމަށާއި ނަމަވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަޑުމަޑުން ދަށަށް ދާކަން ފާހަގަވެފައި ވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"ކުއްލިއަކަށް ލުއިތަށް ދިނުމުން ދިމާވާ ކަންކަން އަޅުގަނޑުމެންނަށް މިދިޔަ މަހު މި ފެނުނީ. އެހެންވީމާ ކުރިއަށް އޮތްތާ ލުއިތަށް ދެމުންދާނީ ރާވައިގެން މަޑުމަޑުން ލުއިތަށް ދޭގޮތަކަށް"
– ރައީސުލްޖުމްހޫރިއްޔާ
މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަންވެސް ރައީސް ވާނީ ފާހަގަކުރައްވާފަ އެވެ. އެހެންނަމަވެސް ނިއު ނޯމަލްއަކަށް ދެވޭނީ އަދި ވެސް އަދަދުތަށް ދަށްކުރެވިގެންކަން ރައީސް ފާހަގަކުރެއްވި އެވެ.