ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 6 މަސްފަހުންވެސް ޖެހޭގޮތަށް ކަނޑައަޅައިފި

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 6 މަސްފަހުންވެސް ޖެހޭގޮތަށް ކަނޑައަޅައިފި

Author
މުޙައްމަދު ޖިމީ
08 ޖޫން 2021 03:07
0

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، 6 މަސް ދުވަހުގެ ތެރޭގައި ޖެހޭގޮތަށް ކަނޑައަޅައިފިއެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރުމަށްފަހު ދެވަނަ ޑޯޒް ނުޖެހި ގިނަ ޢަދަދެއްގެ ބަޔަކު އެބަތިއްބެވެ. އެޗްޕީއޭއިން ކުރިން ބުނެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 8 ނުވަތަ 12 ހަފްތާގެ ތެރޭގައި ދެވަނަ ޑޯޒް ޖަހަން ޖެހޭނެކަމަށެވެ. ނަމަވެސް އެ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް ވެކްސިން ހުސްވެ ވެކްސިން ލިބުމުގައި ދަތިތަކެއް ހުރުމުން ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ދެޑޯޒް ފުރިހަމަނުކުރެވިއެވެ.

މިކަމާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ، ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރަމުން އަންނަ ކޮވިޝީލްޑް ވެކްސިން ނުވަތަ އެސްޓްރަޒެނެކާ ވެކްސިން އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.  އެހެންކަމުން ދުނިޔޭގެ ގިނަ ޤައުމުތަކަކަށް މި ވެކްސިން ލިބުމުގެ ދަތިތަކެއް ކުރިމަތިވެ، ރާއްޖޭގައިވެސް މި ވެކްސިން ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިވެކްސިން ލިބުމުގައި ހުރި ދަތިތަކާހެދި މިހާތަނަށް ހެދިފައިވާ ދިރާސާތަކުގެ އަލީގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ މި ވެކްސިންގެ 2 ވަނަ ޑޯޒް 6 މަސް ދުވަހަށް ފަސްކުރުމާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ލަފައެއް ޢާންމުކޮށްފައިކަމަށާއި، މި ލަފައާއި ގުޅިގެން ކޮވިޝީލްޑް ނުވަތަ އެސްޓްރަޒެނެކާ ވެކްސިންގެ ދެވަނަ ޑޮޒް ދިނުމުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ލަފާ ދެއްވާފައިވާގޮތަށް ރާއްޖޭގައި ކޮވިޝީލްޑް ޖަހާފައިވާ 2 ވަނަ ޑޮޒް 6 މަސް ދުވަހުގެ ތެރޭގައި ޖެހޭނެކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނިޒޭޝަނުން ލަފާދެއްވާފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެހެންކަމުން ކޮވިޝީލްޑް ނުވަތަ އެސްޓްރަޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގައި އެގޮތަށް ޢަމަލުކުރަމުންދާނެކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. ސަރުކާރުން ވެކްސިން ގެނައުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަމަށާއި، ވެކްސިން ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށްވެސް އެޗްޕީއޭިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.