ގުއާމް ބަލިކޮށް ސީރިއާ އިން ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި

ގުއާމް ބަލިކޮށް ސީރިއާ އިން ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި

Author
ޔޫސުފް
08 ޖޫން 2021 05:35
0

މިހާރު ކުރިޔަށްދާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި ގުއާމް ބަލިކޮށް ސިރީއާ އިން ގްރޫޕް އޭގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

ގްރޫޕް އޭގެ އެއްވަނަ ސީރިއާ އިން ކަށަވަރުކުރީ ކޮލިފައިންގައި ރޭ 0-3 އިން ގުއާމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެންޓްރަލައިޒްކޮށް ދުބާއީގައި ގްރޫޕްގެ އޭގެ މެޗުތައް ކުރިޔަށްދާއިރު، ސީރިއާއިން ގްރޫޕް އޭގެ އެއްވަނަ ކަށަވަރުކޮށްފައި މިވަނީ މިހާތަނަށް ކުޅުނު 7 މެޗުންވެސް މޮޅުވެގެން ހޯދި 21 ޕޮއިންޓާއެކުއެވެ. މިއާއެކު ސީރިއާއަށް ވަނީ އޭޝިއަން ކަޕުން ސީދާ ޖާގައެއް ކަށަވަރުވެފައެވެ. ދެވަނައިގައި ޗައިނާ އޮތީ 6 މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. އަދި ތިން ވަނައިގައި އޮތް ފިލިޕީންސް އަށް 6 މެޗުން 7 ޕޮއިންޓް ލިބޭއިރު، ހަތަރު ވަނައިގައި އޮތް ދިވެހިރާއްޖެ އަށް 6 މެޗުން ލިބެނީ 6 ޕޮއިންޓެއެވެ. ގްރޫޕްގެ ފުލުގައި އޮތް ގުއާމް އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮލިފައިންގައި ރޭ ގުއާމް އާއި ދެކޮޅަށް ސީރިއާ ނުކުތުމުގެ ކުރިން ދުބާއީގައި ކުޅުނު ފުރަތަމަ މެޗުގައި 0-4 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިކޮށްފައެވެ. ސީރިއާ އަށް ދެން ކޮލިފައިންގައި ބާކީ އޮތީ އެންމެ މެޗެކެއެވެ. އެއީ ޗައިނާއާއި ދެކޮޅަށް އަންނަ އަންގާރަ ދުވަހު ކުޅެން ޖެހޭ މެޗެއެެވެ.

ގުއާމް އާއި ސީރިއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ސީރިއާއިން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މި ދެ ލަނޑުވެސް ޖަހާފައިވަނީ މެޗު ފަށައިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައެވެ. މި ދެ ލަނޑުވެސް ސީރިއާ އަށް ކާމިޔާބުކޮށްދިނީ، މަރްދީގް މަރްދިގިއަންއެވެ. އަނެއް ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މަހުމޫދު އަލް-މަވާސް އެވެ. މަވާސް ވަނީ އެންމެ ފަހު ސީރިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގައި ހެޓްރިކްވެސް ހަދާފައެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ ގްރޫޕް އޭގައި އަދި ބާކީ 3 މެޗު ކުރިޔަށް އެބައޮތެއެވެ. އެގޮތުން އެންމެ އަވަހަށް ދެން އޮތީ ދިވެހިރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗެއެވެ. މި މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 10:00 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.