ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި މިރޭ ޗައިނާއިން ފިލިޕީންސްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ސެންޓްރަލައިޒްކޮށް ދުބާއީގައި މިހާރު ކުރިޔަށްދާ ކޮލިފައިންގައި ޗައިނާއިން ފިލިޕީންސް ބަލިކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
ކޮލިފައިންގައި އެންމެ ފަހުން ކުޅުނު މެޗުގައި ޗައިނާ ވަނީ ގުއާމް އަތުން 0-7 އިން މޮޅުވެފައެވެ. މި ނަތީޖާއާއެކު ގްރޫޕް ގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޗައިނާ އޮތީ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ 7 މެޗުން 21 ޕޮއިންޓް ހޯދައިގެން ސީރިއާއެވެ. ސީރިއާ ވަނީ މިރޭ ގުއާމް ބަލިކޮށް ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައެވެ. މި ގްރޫޕް ތިންވަނައިގައި 6 މެޗުން ހޯދި 7 ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު، ހަތަރު ވަނައިގައި 6 މެޗުން ލިބުނު 6 ޕޮއިންޓާއެކު އޮތީ ދިވެހިރާއްޖެއެވެ. އަދި އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ގުމާމްއެވެ.
މިރޭ ކުޅުނު މެޗުގައި ޗައިނާއިން ފިލިޕީންސް ކޮޅަށް ޖެހި 2 ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން ޗައިނާއަށް ލީޑު ނަގައިދިން ލަނޑު، 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ، ފޯވާޑް ވޫ ލެއި އެވެ. އަދި ޗައިނާއަށް ލީޑު ފުޅާކޮށްދިން ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ވޫ ޒިންގޯން އެވެ.
ކޮލިފައިންގައި ޗައިނާ ދެން ކުޅެން ޖެހޭ މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ 10:00 ނުކުންނާނީ ދިވެހިރާއްޖެ އާއި ދެކޮޅަށެވެ. ކޮލިފައިންގައި މީގެ ކުރިން މާލޭގައި ޗައިނާއި އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު 0-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗައިނާއެވެ.
ކޮމެންޓު ފޮނުވާ