ޢާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ބޮޑު ފަޚުރެއް: ރައީސް

ޢާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ބޮޑު ފަޚުރެއް: ރައީސް

Author
މުޙައްމަދު ޖިމީ
07 ޖޫން 2021 10:20
0

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ކާމިޔާބުކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުހަބާ ވިދާޅުވެއްޖެއެވެ.

މި އިންތިޚާބު، ދިވެހިރާއްޖޭގެ ކެންޑިޑޭޓް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކޮށްފައިވަނީ، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިފައިވަނީ، 48 ވޯޓެވެ.

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރ ޝާހިދު ހޮވިވަޑައިގަތުމާގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި މިއީ ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރ ޝާހިދުގެ ޤާބިލުކަމާއި ހިންގުންތެރިކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އދ.ގެ ޢާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ.

އދގެ ޢާއްމު މަޖިލީހަކީ އދގެ މައިގަނޑު 6 ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ. އދގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ.

ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.