ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާށް ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލު އަރައިގަނެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލަ ފުރަތަމަ ހުށައަޅަންޖެހޭނީ ފުލުހުންނަށްކަމަށް މަޖިލީހަށް އަންގައިފިއެވެ.
ޕީޖީން މިގޮތަށް މަޖިލީހަށް އަންގާފައި މިވަނީ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ވަކިވަކި ސިފައިން ހާޒިރުކޮށްދޭން އެމްއެންޑީއެފްގައި އެދުމުން އެކަން ނުވާނެ ކަމަށް އަންގަވައި މަޖިލީހަށް ފޮނުވި ސިޓީގައި ޒަމީލްގެ ސޮއި އޮތުމުންނެވެ. ޒަމީލު ސޮއިކުރައްވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ އެވެ. އެކަމުގައި ޖަވާބުދާރީވާނީ މުޅި މުއައްސަސާއިންނެވެ.
241 ކޮމިޓީއަށް ސަލާމަތީ ބާރުތަކުގެ ބޭފުޅުން ހާޒިކޮށްގެން ކުރިއަށްގެންދަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް އެމްއެންޑީއެފް އިން ފޯރުކޮށްދޭ ސެކިއުރިޓީ ބްރީޗުވިގޮތުގެ އިންކުއަރީއެވެ.
މި އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުވާނެ ކަމަށް މަޖިލީހަށް އަންގާފައި ވީނަމަވެސް، ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވަކި ވަކީން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހިގެ ރައީސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނަށް އެމްއެންޑީއެފް އިން ފޯރުކޮށްދޭ ސެކިއުރިޓީ ބްރީޗުވިގޮތް ބެލުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ހިންގާ މި އިންކުއަރީއާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މުގައްރިރު މުޙައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެނޫންވެސް އެއްވެސް ފަރާތަކުން މި އިންކުއަރީއަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ކުރައްވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ