ރާއްޖޭގައި އުފެދުނު ބައެއް ވެރިންނަށް ހީވެފައިވަނީ އެބޭފުޅުންގެ ފޮޓޯ ހިފައިގެން ނޫނީ އާދައިގެ ނިކަމެތި ރައްޔިތުންނަށް އެއްވެސް މަޤާމަކަށް ނާދެވޭނެ ކަމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާމަނިކު މިފަދަ ގޮތަކަށް ވިދާޅުވީ، މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން، އެޕާޓީގެ އެހެން މެމްބަރުންނަށް އިޝާރާތް ކުރައްވައި ދައްކަވަމުންދާ ވާހަތަކާއި ގުޅިގެންނެވެ. ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލަ އެ ކޮމިޓީން ރޭ ބޭރުކޮށްލުމާ އެކު، އެމްޑީޕީގެ އެތެރެ "ފަޅައިގެން" ގޮސްފައެވެ.
މިއާއިއެކު އެފެދުފައިވާ ޚިޔާލްތަފާތު ވުންތަކުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަނީ މިމައްސަލަ ބޭރުކޮށްލުމުގައި ތާއީދު ކުރެއްވި އެމްޑީޕީގެ މެމްބަރުންނަކީ ވަރަށް ގޮތެއް ނެތް މެމްބަރުންތަކެއް ކަމަށް ވިދާޅުވަމުންނެވެ. އަދި މަޖިލީހަށް އެބޭފުޅުން އިންތިޚާބު ވެފައިވަނީ ރައީސް ނަޝީދުގެ ފޮޓޯ ހިއްޕަވައިގެން ގޮސް އެމަނިކުފާނުގެ ނަން ބޭނުން ކުރައްވައިގެންކަމަށެވެ.
މިކަމާއި ގުޅިގެން މޫސަ ވިދާޅުވީ ދެރަ ނިކަމެތި މީހާއަށް އިންތިޚާބީ މަޤާމުތަކަށް އާދެވެނީ ވަކި މީހެއްގެ ފޮޓޯ އެއް ހިފައިގެންކަމަށް ހީކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ. ނަމަވެސް އެގޮތަށް ގަބޫލުކުރާ ވެރިންނަކީ އިންތިޚާބީ މަޤާމުތަކަށް ވަޑައިގަތުމަށްޓަކައި އާންމު ރައްޔިތު މީހާގެ ކޮޑުގައި ރަށްރަށަށް އަރުވައި، ނުހަނު އިހުތިރާމާއިއެކު އިންތިޚާބު ކުރިބައެއްކަން މިހާރު ހަނދާން ނެތްކަމަށެވެ.
މިރާއްޖޭގައި އުފެދުނު މާވަރުގަދަ ވެރީންތަކަކަށް ހީވެފަ މިއޮންނަނީ އޭނަގެ ފޮޓޯގަނޑު ހިފައިގެންނޫނީ ދެރަވަރު މީ ހަކަށް އެއްވެސް މަޤާމަކަށް ނާދެވޭކަމަށް. ވެރީންނަކަށް އިޙްސާސެއް ނުކުރެވޭ އޭނަ ވެރިޔަކަށްވީ ނިކަމެތި މީހާގެކޮނޑުގަ އޭނަ ރަށަށްއަރާ ގޭގަހުރި ކުކުޅުކައިގެން ކަމެއް.
– މޫސަ ވިދާޅުވިއެވެ.
މޫސައަކީ އަބަދުވެސް އެމްޑީޕީގެ ތެރޭގައި ވަކި މީހެއްގެ ބާޜުގަދަ ކުރުމަށް ކުރައްވާ މަސައްކަތާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އަދި ވަކި މީހެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ގެނެސް ކަންކަން ކުރުމަށް އެމްޑީޕީގެ މިހާރުގެ އިސްސަފުން މަސައްކަތް ކުރާތީވެސް މޫސަ ދަނީ ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ