ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ވަޑައިގެންނެވުމަށް ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ ކެމްޕޭން ނިމުމަކަށް އައިސް، ޖެނެރަލް އެސެމްބްލީގެ ރައީސަކު އިންތިޚާބު ކުރުމަށްޓަކާ ވޯޓު ލުން މާދަމާ އޮންނާނެއެވެ.
ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގެ ކެމްޕޭނަށް، އަބުދުﷲ ޝާހިދު އެމެރިކާގެ ނިއުޔޯކުގައި ހުންނަވާތާވެސް މިހާރު މަހަކާ ވަނީ ގާތްވެފައެވެ.
ކުރިޔަށް އޮތް ދައުރުގެ ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުންންކީ ރާއޖޭގެ ފޮރިންގ މިނިސްޓަރުގެ އިތުރުން އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލްއެވެ.
ކުރިޔަށް އޮތް ދައުރުގެ ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުންނާއެކު، އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޔޫއެން ހެޑްކުއާޓާރުގައި ފާއިތުވެދިޔަ މެއި މަހުގެ 7 ވަނަ ދުވަހު ވަނީ ކެނޑިޑޭޓުންގެ ޑައިލޮގެއް ބާއްވާފައެވެ. މި ޑައިލޮގްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައިވަނީ، އޭނާ މިމަގާމަށް ވަޑައިގަންނަވާނީ “އުއްމީދު”ގެ މެސެޖު ހިއްޕަވައިގެން ކަމުގައެވެ.
އަދި، ޖެނެރަލް އެސެމްބްލީގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު މެމްބަރު ގައުމުތަކުން ދެއްވައިފި ނަމަ، އެއް އަހަރުގެ ދައުރުގައި މައިގަޑު 5 އަމާޒަކަށް ވާސިލްވުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވެފައި ވެއެވެ.
މިގޮތުން، ދައުރުގައި ހާސިލް ކުރުމަށް އިސްކަންދެއްވާނެ މައިގަޑު 5 އަމާޒުގެ ތެރެއިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޝާހިދު ފާހަގަ ކުރެއްވި ކަމަކީ، ކޯވިޑް19 ކާރިސާއިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަން ދެއްވުމެވެ. ދެވަނަ ލަނޑުދަޑިއެއްގެ ގޮތުގައި ކޯވިޑް19 އިން އަރައިގަނެވުމަށްފަހު، އަންނަ ހެޔޮ ބަދަލުތަކަކީ ދެމެހެއްޓެވިނި ބަދަލުތަކަކަށް ހެއްދެވުމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއިރު، ޝާހިދުގެ ރިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާނެ 3 ވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުމަށް މެމްބަރު ގައުމުތަކާއެކު މަސައްކަތް ކުރުމެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އޭނާގެ ރިޔާސަތުގައި ހާސިލް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ 4 ވަނަ ލަނޑު ދަނޑިއަކީ ޔުނައިޓެޑް ނޭޝަންއަކީ ހުރިހާ އެންމެންގެ ވެސް ހައްގުތަކަށް ވަކާލާތު ކުރާނެ މުވައްސަސާއަކަށް ހެއްދެވުން ކަމުގައެވެ. ޚާއްސަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަށް ކަށަވަރު ކުރުމަށް މަސައްކަތް ކުރުމާއި، ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ އޭނާގެ ރިޔާސަތުގައި ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އޭނާއަކީ އަބަދުވެސް ޖިންސީ ހަމަހަމަކަމަށް ވަކާލާތު ކުުރައްވާ ބޭފުޅެއް ކަމަށާއި، އެނާގެ މިނިސްޓަރުކަމުގައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ގައުމުން ބޭރުގައި ގާއިމްވެފައިވާ މިޝަންތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި އައްޔަން ކުރައްވާފަ ތިއްބެވި ފޭޅުންގެ މެދުގައި މިހާރު “ޖެންޑަރ ބެލެންސް” ގާއިމް ކުރައްވާފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަ ކުރައްވާ ކަމަށެވެ.
ޝާހިދުގެ ރިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާނެ 5 ވަނަ އަމާޒެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ، ޔޫއެންއަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމެވެ. މިގޮތުން ޔޫއެންގެ އިކޮނޮމިކް އަދި ސޯޝަލް ކައުންސިލް ވަރުގަދަކޮށް، ޔޫއެންއަކީ ޒިންމާދާރު ކުރުވާ އަދި ޒިންމާދާރުވާ މުވައްސަސާއަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޝާހިދު ވިދާޅުވި ގޮތުގައި މިމަސައްކަތް ކާމިޔާބު ކުރައްވާނީ ޔޫއެންގެ ހުރިހާ މެމްބަރުގައުމުތައް މިމަސައްކަތްތަކުގައި ޝާމިލް ކުރުވައިގެން، މެމްބަރު ގައުމުތަކުގެ ފުރިހަމަ އެއްބާރު ލުމާ އެކީގައި ކަމުގައެވެ.
ދިވެހި ސަރުކާރުން ކުރިން ވިދާޅުވެފައިވަނީ، ޔޫއެންގެ ކުރިޔަށް އޮތް ދައުރުގެ ރިޔާސަތު ރާޖެއިން ކާމިޔާބު ކުރުމަށްޓަކާ މިހާރުވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ތާއީދު ލިބިފައިވާ ކަމުގައެވެ. މީގެތެރޭގައި އިންޑިއާ އަދި ސައުދީ އަރަބިއާ ފަދަ ގައުމުތައްވެސް ހިމެނޭކަމަށް ސަރުކާރުން ކުރިން ހާމަ ކޮށްފައި ވެއެވެ.
މިގޮތުން އިންޑިއާއިން ޝާހިދަށް ތާއީދުކުރާކަމަށް ފާޅުގައި ބުނެފައިވި ނަމަވެސް، ގިނަ ގައުމުތަކުން ދެ ކެނޑިޓޭޓުންގެ ތެރެއިން ތާޢީދުކުރާ ކެނޑިޑޭޓުން އާންމު ކޮށްފައި ނުވެއެވެ. އެހެންނަމަވެސް ސައުތު އޭޝިއާގެ ގިނަ ގައުމުތަކުން ޝާހިދަށް ތާޢީދު ކުރާނެ ކަމަށް ބެލެވޭއިރު، ހުޅަގާއި އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ތާޢީދު ޑރ. ޒަލްމާއި ރަސޫލަށް ލިބިގެންދާނެކަމަށް ވަނީ ބެލެވިފައެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ކުރިޔަށް އޮތް 76 ވަނަ ދައުރުގެ ރިޔާސަތަށް ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު އިންތިޚާބުކުރުމަށް ކުރަންޖެހޭ ކެމްޕޭނަށް ޚަރަދު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ 4.35 މިލިއަން ރުފިޔާ ހިމަނުއްވާފައެވެ. އަދި ރިޔާސަތަށް އިންތިޚާބު ވެވަޑައިގަތަސް، ރާއްޖޭގެ ފޮރިންގ މިނިސްޓަރކަމުގެ މަގާމް ޝާހިދު އަދާ ކުރައްވަމުން ގެންދަވާނެކަމަށް މައުލުމާތު ލިބެއެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އަހަރުން އަހަރަށް ދައުރު ވަމުންދާ ގޮތަށް ކަނޑައެޅިފައިވާ ރިޔާސަތެކެވެ. މިގޮތުން މިމަގާމު ޝާހިދަށް ކާމިޔާބު ކުރެވިއްޖެނަމަ، އޭނާ ޔޫއެންޖީއޭގެ ރިޔާސަތު ބަލަހައްޓަވާނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ވޯޓު ލުން އޮންނާނީ ސިއްރު ވޯޓެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ