ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާ އަކީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާއެއް ނަމަ އެ ބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް މިއަދަށް މަސްދުވަސް ހަމަވެފައި ވާއިރު ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކުން ހިންގާފައިވާ ފައިސާގެ މުއާމާލާތުގެ ތަހުގީގުވެސް ކުރެވެމުންދާ ކަމަށެވެ. އަދި އެ ތަހުގީގަށް އެމެރިކާ ތަޖުރިބާކާރެއްގެ އެހީ ހޯދަމުން ދާކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. މިކަމުގައި ކުރިއެރުންތައް ލިބިފައި ވިޔަސް މިކަމާ ބެހޭ ގޮތުން ތަފްސީލް ދެވެން ނެތީ ތަހުގީގާ ގުޅޭ ގޮތުން ކުރިއަށް ހުރި ކަންކަމަށް ހުރަސްއެޅިދާނެތީ ކަމަށްވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ބަލައި، މައްސަލައާ ގުޅިގެން ބަލާ ފާސް ކުރި ތަންތަނުން އަތުލައިގަތް ތަކެތިން ވަރުގަދަ ފޮރެންސިކް ހެކިތަކެއް ލިބިފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
"މި މައްސަލައިގެ ތަހުގީގަށް އެއްކުރެވިފައިވާ ފޮރެންސިކް ހެކިތަކުން ވެސް މުހިންމު ހެކިތަކެއް ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ މި މައްސަލައިގެ އިންސާފަށް ވާސިލްވުމަށް މުހިންމު ދައުރެއް އަދާ ކުރާނެ ހެކިތަކެއް،"
– ޝިފާއު
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް 150 އަށް ގިނަ ފަރާތާއި ސުވާލުކުރެވި، މިހާތަނަށް 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި 10 މީހަކާއި ހަމަލާއާ ގުޅުންހުރި ހަތަރު މީހެކެވެ.
މިދިޔަ މަހުގެ 6 ވަނަދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނު އަވަހާރަކޮށްލުމަށް ހަމަލާ ދީފައި ވަނީ ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެންނެވެ. މި ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަސް އޭޑިކޭގައި ފަރުވާ ހޯއްދެވުމަށްފަހު ނަޝީދު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ވަޑައިގެން ޖަރުމަނު ވިލާތުގައެވެ.
One Response
އަފްރާޝީމް މަރާލުމަށް ފަންޑުކުރި މީހުންވެސް ހޯދަންޖެހޭ