ފާޑުކިޔުން ބޮޑުވެ ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅަން ނިންމައިފިއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހެޅުމާއިއެކު ބޮދެތި ފާޑުކިޔުންތައް އަމާޒުވުމުން ސައިވީސް ގަނޑިއިރު ނުވަނީސް ސަރުކާރުންވަނީ ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅަން ނިންމައި އިތުރު އިސްލާހެއް ޤާނޫނުލް އުޤޫބާތަށް ހުށަހަޅާފައެވެ.
މިއިސްލާހާއި ގުޅޭގޮތުން އޭޖީ އޮފީހުން ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 611 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފްޞީލުކޮށް، އެ ކުށުގެ ޢަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމަށް ކަމަށެވެ.
އެގޮތުން، މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ޢާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުރީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ ޢަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާންކުރުމަށް ބިލުގައި ހުށަހަޅާފައިވާނެކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
ޤާނޫނުލް އުޤޫބާތައް ހިސާން ހުށަހެޅި އިސްލާހާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. ޚާއްސަކޮށް ދީނީ އިލްމުވެރިންނާއި، މަޖިލިސް މެމްބަރުންވެސް ވަނީ މިއިސްލާހަށް ފާޑުވިދާޅުވެފައެވެ. ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން އެފަދަ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީވެސް އެފަދަ ކުށެކެވެ.
މީގެ އތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ޙިސާން ހުށައެޅުއްވި އިޞްލާހުގައިވެއެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ އިޞްލާހުގައި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުންވެސް އެއީ ކުށެެއްކަމަށް ބުނެފައިވެއެވެ. އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާއިރު، ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށްލުމެވެ.
މީގެ އިތުރުން މީހެއްގެ ނަސްލަށާއި އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު ޙިސާންގެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް ބިލުގައިވެއެވެ.
ކޮމެންޓު ފޮނުވާ