ސަރުކާރުގެ ފަރާތުން ބިލްހުށަހެޅުއްވި މެމްބަރު ނޮޅާކާއިރުވެސް ސަރުކާރުއޮތީ އަގަމަތީގައި ޓޭޕް އަޅައިގެން: ދިޔާނާ

ސަރުކާރުގެ ފަރާތުން ބިލްހުށަހެޅުއްވި މެމްބަރު ނޮޅާކާއިރުވެސް ސަރުކާރުއޮތީ އަގަމަތީގައި ޓޭޕް އަޅައިގެން: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
01 ޖޫން 2021 01:43
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހާއި ގުޅިގެން ގިނަ ބަޔަކު މެމްބަރަށް ފާޑުކިޔާއިރު މިބިލް ހުށަހެޅުއްވި ސަރުކާރު އޮތީ ހަމަ ހިމޭނުން ކަމުގައި ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނަޢީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވަނީ އިސްލާހެއް ހުށައެޅުއްވި އިސްލާހާއިއެކު ދީނީ ޢިލްމުވެރިންނާއި، ޢާންމު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

ގިނަ ބަޔަކު ހިސާން އަށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ދިޔާނާ ވިދާޅުވީ ސަރުކާރުން މިބިލް ހުށަހެޅައި މެމްބަރަކު ލައްވައި ސްޕޮންސާ ކުރެއްވުމަށްފަހު އެމެމްބަރު ނޮޅާކާއިރުވެސް ސަރުކާރު އޮތީ ހަމަހިމެނޭނުން ކަމުގައެވެ. މިކަމުގައި ވަޒީރުންގެ މަޖިލިސް ފެނިގެންދަނީ ބޮޑު ވަރިހަމައިގައި ތިއްބެވި މަންޒަރުކަމަށް ދިޔާނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވި މެމްބަރާއި ދިމާކޮށް ނޮޅާއިރުވެސް ސަރުކާރުގެ ފްރަންޓްލައިން އަނގަމަތީ ޓޭޕް އަޅައިގެން. ކެބިނެޓްގެ ގިނަ ބޭފުޅުން ތިއްބެވީ ބޮޑު ވަރިހަމައިގަ.

– ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާގެ ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ޕީޖީ މެމްބަރު އިމްތިޔާޒު ފަހުމީވެސް ވަނީ އެވާހަތަކަށް ތާއީދު ކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުންހިސާން ހުށައެޅުއްވި އިސްލާހުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން އެފަދަ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީވެސް އެފަދަ ކުށެކެވެ.

މީގެ އތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ޙިސާން ހުށައެޅުއްވި އިޞްލާހުގައިވެއެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ އިޞްލާހުގައި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުންވެސް އެއީ ކުށެެއްކަމަށް ބުނެފައިވެއެވެ. އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާއިރު، ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށްލުމެވެ.

މީގެ އިތުރުން މީހެއްގެ ނަސްލަށާއި އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު ޙިސާންގެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް ބިލުގައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޗ ޗެއަރމަން
ދިޔާނާ. ކަލޭމެން ބޭނުން އެއްޗެއް މިތާ ނުހެދެމެ