ވަރލްޑް ކަޕް ކޮލިފައިން: ޗައިނާގައި ކުޅެން ހަމަޖެއްސި މެޗުތައް ދުބާއީއަށް ބަދަލުކޮށްފި

ވަރލްޑް ކަޕް ކޮލިފައިން: ޗައިނާގައި ކުޅެން ހަމަޖެއްސި މެޗުތައް ދުބާއީއަށް ބަދަލުކޮށްފި

Author
ޔޫސުފް
31 މެއި 2021 05:49
0

ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ޗައިނާގައި ކުޅެން ހަމަޖެއްސި މެޗުތައް ދުބާއީއަށް ބަދަލުކޮށްފިއެވެ.

ސެންޓްރަލައިޒްކޮށް ޗައިނާގައި ގްރޫޕް އޭގެ މެޗުތައް ކުޅެން ކުރިން ނިންމާފައި އޮތް ނަމަވެސް، މިހާރު މި މެޗުތައް ދުބާއީއަށް ބަދަލުކުރީ ރާއްޖެ އާއި ފިލިޕީންސް އަދި ސީރިއާ އަށް ޗައިނާ އަށް ދެވޭގޮތް ނުވުމުންނެވެ. މި ތިން ޤައުމުގެ ގައުމީ ޓީމުތައް މިވަގުތު ތިބީ ދުބާއީގައެވެ.

މެޗުތައް ކުޅުމަށް ރާއްޖެ އާއި ފިލިޕީންސް އަދި ސީރިއާއަށް ޗައިނާއަށް ނުދެވުނީ، އެގައުމަށް ފުރުމުގެ ކުރިން ދުބާއީގައި ހެދި ޕީސީއާރު ޓެސްޓްތަކުން މި ތިން ގައުމުގެ ޓީމުތަކުން ވެސް ބައެއް ކުޅުންތެރިން ކޯވިޑް-19 އަށް ޕިޒިޓިވްވުމުން ޗައިނާއަށް އެތެރެވުމަށް އެ ޤައުމުގެ ސަރުކާރުން ހުއްދަ ނުދިނުމުންނެވެ. ރާއްޖޭގެ ޤައުމީ ޓީމުން ޕޮޒިޓިވްވި ކުޅުންތެރިންނަކީ ޢަލީ އަޝްފާގް އަދި ޢަލީ ޝާމިސްއެވެ.

ސެންޓްރަލައިޒްކޮށް މެޗުތައް ކުޅެން ނިންމި ޗައިނާގެ ސޫޒޯގައި އިއްޔެ ވަނީ ގުއާމާއި ޗައިނާގެ މެޗު ކުޅެފަ އެވެ. އިއްޔެގެ އެ މެޗުން ޗައިނާ މޮޅުވީ 7-0 އިންނެވެ.

ކޮލިފައިން މެޗުތައް ދުބާއީއަށް ބަދަލުކުރުމާއެކު، މީގެ ކުރިން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްވާނެ ކަމަށް ބެލެވެއެވެ. އެކަމަކު އޭއެފްސީގެ އަމާޒަކީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކޮލިފައިން މެޗުތައް އެއްކޮށް ނިންމާލުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮލިފައިންގައި ބާކީ ހުރި މެޗުތައް ދުބާއީއަށް ބަދަލުކުރާއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.