އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ޖޫންމަހަށް ފަސްކޮށްފިއެވެ.
އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާއެކު ފަސްކޮށްފައިވާ ކަމަށެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާ ޖެހިގެން އަންނަ އަހަރުގެ މެއި މަސް ނިމުމުގެ ކުރިން ބާއްވަން ޖެހޭނެ އެވެ. އަންނަ މަހަށް މި ޖަލްސާ ފަސްކުރި ކަމަށް އެމްޓީސީސީން އިއުލާން ކުރި ނަމަވެސް ސީދާ ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާން ކޮށްފައި ނުވެއެވެ.
މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 224.7 މިލިއަން ރުފިޔާއެވެ. އެމްޓީސީސީން ބުނީ 2020 ވަނަ އަހަރަކީ އެ ކުންފުންޏަށް 40 އަހަރުގެ ދިގު މުއްދަތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށެވެ.
އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވަނީ އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާންމު ޖަލްސާ މެއި 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ސީއެމްޑީއޭގެ ހުއްދަ ލިބިފައިވުމުން ޖަލްސާ ފަސްކުރި ނަމަވެސް ޖޫން 30 ވަނަ ދުވަހުގެ ކުރިން އަހަރީ އާންމު ޖަލްސާ ބާއްވާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ