މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލައި، އޮޅުވާލި މައްސަލާގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާގެ މައްޗަށް 42 ދައުވާއެއް އޮފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވުވީ 2014 ވަނަ އަހަރު ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާކަމަށެވެ.
ޤާނޫނުލް އުޤޫބާތުގެ ދަށުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެ ކަމުގައިވާނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލުހުކުމެއް ކަނޑައެޅިގެންދާނެއެވެ.
އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ފެބުރުއަރީ 21ވަނަ ދުވަހުގެ ރެއެވެ. އައްމަޓީ ލަންކާއިން ހައްޔަރުކޮށް އޭނާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާ ފުލުހުން ބަލަމުންދިޔަ މައްސަލަތަކާއި ގުޅިގެންނެވެ. ލަންކާގައި ބަންދުކޮށްފައިހުރި އައްމަޓީ ރާއްޖެ ގެެނެސްފައިވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ މިހާރު ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފްލެޓްތައްވެސް ނަޅާ އެފައިސާތަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018ވަނަ އަހަރުގެ ނޮވްމެބަރުމަހުގައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ