އަޅުގަނޑުމެން ނޫޅެ، ތަހުގީގު ރަނގަޅަށް ގޮސްދާނެކަމަށް ޒައްރެއްގެ މިންވަރުވެސް ގަބޫލުކޮށްގެނުވާނެ: އިންތި

އަޅުގަނޑުމެން ނޫޅެ، ތަހުގީގު ރަނގަޅަށް ގޮސްދާނެކަމަށް ޒައްރެއްގެ މިންވަރުވެސް ގަބޫލުކޮށްގެނުވާނެ: އިންތި

Author
މުޙައްމަދު ޝަޒައިމް
31 މެއި 2021 10:49
0

ރައީސް މުހައްމަދު ނަޝީދުގެ ފުރާނައަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ މިހާރު ކުރިއަށްދާ ގޮތާއި، މައްސަކުރިއަށްދާއިރު ހާމަވަމުންދާ މައުލޫމާތަށްބަލާއިރު، މިމައްސަލާގައި އެމްޑީޕީން ނޫޅެއްޖެނަމަ މިކތަހުގީގް ރަނގަޅަށް ގޮސްދާނެކަމަށް ޒައްރެއްގެ މިންވަރުވެސް ގަބޫލު ކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާ އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލައިގެ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ނޫހެއްގައި ލިޔެފައިވާ އާޓިކަލްއަކީ ސިފައިންގޭ ތެރެއިން ފޯރުކޮށް ދިން މައުލޫމާތަކަށްވާއިރު މިއީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.

އެއްވެސް ހަލެއްގައި ނޫހުގައި ލިޔެފައިވަ މައުލޫމާތާއި ގުޅިގެން މަސްދަރު ހޯދުމަށް މަސައްކަތް ނުކުރާކަމަށާއި، ނަމަވެސް މިމައުލޫމާތު ނޫސްތަކާއި ހަމައަށް ވާސިލްވި ގޮތެއް ސަލަމާތީ ބާރުގެ ތެރެއިން ބަލަންޖެހޭކަމަށް އިންތި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމައްސަލައިގެ ތަހުގީގް މިހާރު ކުރިއަށްދާ ގޮތަށްބަލާއިރު، މިކަމުގައި އެމްޑީޕީއާއި، އެމްޑީޕީއަށް ހެޔޮ އެދޭ ފަރާތްތަކުން ނޫޅޭނަމަ މިކަން އިންސާފުވެރިކަމާއިއެކު ބެލިދަނެކަމަށް ޒައްރެއްގެ މިންވަރުވެސް ގަބޫލު ކޮށްގެން ނުވާނެކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނާއި، ހެޔޮއެދޭ ފަރާތްތަކުން، އަޅުގަނޑުމެން ނޫޅެފިނަމަ އެއްގޮތަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ ޒައްރެއްގެ މިންވަރުވެސް އިތުބާރު ކޮށްގެންނުވާނެ މިތަހުގީގް އެންމެ ފުރިހަމަ ގޮތުގައި ހިނގައި އެމަނިކުފާނަށް މިކަމުގައި ހަގީގީ އިންސާފުލިބި މައްސަލައިގެ އަސްލާއި ހަމައަށް ވާސިލްވެ މިކަންކަން ބެލިދާނެކަމަށް، އެއްވެސް ވަރަކަށް ޔަގީންކޮށް ނުވާނެކަމަށް އަޅުގަނޑު ދެކެން.

– އިންތި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި އާންމުކޮށްފައިވާ މައުލޫމާތާއި ގުޅިގެން މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ބެލުމަށްވެސް ވަނީ ނިންމާފައެވެ.

އޮންލައިން ނޫހެއްކަމަށްވާ މިހާރު ނޫހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ ސެކިއުރިޓީ އާއި ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހިމަނައިގެން ލިޔެފައިވާ އާޓިކަލް އާއި ގުޅިގެން މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މަޢުލޫމާތާއި، ޚާއްޞަކޮށް އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްޞީލީ މަޢުލޫމާތު ބަޔާންކޮށްފައިވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިފަދަ މަޢުލޫމާތަކީ އާންމުކޮށް ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި އަމަން ޢާންމު ރައްކާތެރިކުރުމުގެ ގޮތުން މަޢުލޫމާތު އެއްކުރުމުގެ ބާރާއި އިޚްތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ޚާއްޞަކޮށްފައިވާ ބަޔަކު އެއްކުރާ މަޢުލޫމާތުތަކެއް ކަމަށް ކޮމިޓީން ދެކޭކަމަށެވެ.

ނަމަވެސް މި މަޢުލޫމާތު އެގޮތަށް ޢާންމު ވުމަކީ، ރައީސް ނަޝީދުގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ގ.ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި ޢާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމެއް ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް، ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތަކަށް ޙިއްސާކުރުމަކީ މަނާކަމެއްކަމަށާއި އަދި އެއީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއްކަމަށް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިމައްސަލައަކީ ޤަޢުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށްވެފައި، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، މިމައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.