އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސްގެ ހަމްދަރުދީ ލަންކާގެ ރައީސަށް

އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސްގެ ހަމްދަރުދީ ލަންކާގެ ރައީސަށް

Author
މުޙައްމަދު ޝަޒައިމް
31 މެއި 2021 08:45
0

ފާއިތުވި ޙަފްތާ، ސްރީލަންކާގެ ބަނދަރުގައި އޮތް އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވެ، ހީނުކުރާވަރުގެ ނުރައްކާތެރި ޙާދިސާއެއް ހިނގުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިކަމުގެ ސަބަބުން ކުރިމަތިވި ދަތިޙާލަތުގެ ސަބަބުން އެމަނިކުފާނު ވަނީ އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިންޑިޔާ ކަނޑުގެ ޤައުމުތައް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަނީ ކަނޑުން ލިބޭ އާމްދަނީ އަށްކަމަށް ވާތީ މި ޙާދިސާގެ ސަބަބުން ލިބޭނެ ގެއްލުން އަންދާޒާކޮށްލެވޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ސްރީލަންކާއަށް މި ކުރިމަތިވި ހިތާމަވެރި ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި ދިވެހިރާއްޖެ އޮތީ ސްރީލަންކާއާ އެކު ކަމަށް ރައީސުލްޖުމްހުރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިއަދު ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވާ ދެ ޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ދެމިގެން ދާނެކަން ޔަޤީންކުރައްވާކަމުގައި ބަޔާންކުރައްވާފައެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯއާ 9.5 ނޯޓިކަލް މޭލު ބޭރުން ރޯވެފައިވާ އާގުބޯޓުގައި ޖުމުލަ 25 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި އިންޑިޔާއާއި ޗައިނާއާއި ފިލިޕީންސާއި ރަޝިޔާގެ ފަޅުވެރިން ހިމެނެއެވެ. ބޯޓުގައި ތިބި އިންޑިޔާގެ 2 ފަޅުވެރިން ސަލާމަތްކުރުމުގައި ލިބުނު ބޮޑެތި ޒަޚަމުތަކުގެ ސަބަބުން އެ މީހުންނަށް ފަރުވާދިނުމަށް ކޮލޮންބޯ ނެޝަނަލް ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.