ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ޗައިނާއިން ގުއާމް ކޮޅަށް 7 ލަނޑު ޖަހަފިއެވެ.
ސެންޓްރަލައިޒްކޮށް މިއަދު ޗައިނާގައި ފެށި ގްރޫޕް އޭގެ މެޗުތައް ފެށިއިރު، ޗައިނާއިން ގުއާމް ބަލިކުރީ 0-7 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން މި ގްރޫޕްގައި ޗައިނާ އާއި ގުއާމް ކުޅުނު ފުރަތަމަ މެޗުވެސް ޗައިނާއިން ކާމިޔާބުކުރީ 0-7 ގެ ނަތީޖާއަކުންނެވެ.
ޗައިނާ އާއި ގުއާމް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ޗައިނާއިން ވަނީ 2 ލަނޑު ޖަހާފައެވެ. އެގޮތުން 20 ވަނަ މިނެޓުގައި ޗައިނާއަށް ލިބުނު ޕެނަލްޓީ އަކުން ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ވޫ ލެއިއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން 39 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ޖިން ޖިންޑާއޯއެވެ.
ދެވަނަ ހާފް ފަށައިގެން 55 ވަނަ މިނެޓުގައި ވޫ ލެއި ވަނީ ޗައިނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ހަތަރު ވަނަ ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ވޫ ޝީއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެލްކެސެން ވަނީ ޗައިނާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ޗައިނާގެ 6 ވަނަ ލަނޑާއި 7 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ، އެލަން ކަވާލިއޯއެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގައި މިހާތަނަށް ކުޅުނު 5 މެޗުން ހޯދި 10 ޕޮއިންޓާއެކު ޗައިނާ އޮތީ ދެ ވަނައިގައެވެ. މި މެޗުން ބަލިވި ގުއާމް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.
މި ގްރޫޕްގައި ދެން ހިމެނެނީ ސީރިއާ، ފިލިޕީންސް އަދި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިވަގުތު ތިބީ ދުބާއީގައެވެ. ޗައިނާއަށް ފުރުމުގެ ކުރިން މި ޓީމުތަކުގެ ކުޅުންތެރިން ހެދި ޕީސީއާރު ޓެސްޓްތަކުން ބައެއް ކުޅުންތެރިން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޗައިނާއަށް އެތެރެވުމުގައި ދަތިތަކެއް ހުރުމުން ގްރޫޕް ސްޓޭޖުގައި ކުރިޔަށް ހުރި މެޗުތައް ކުރިޔަށް ގެންދެވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓު ފޮނުވާ